އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑަމީ (އައިބާ) އިން އިންތިޒާމުކޮށްގެން ބޭއްވި ޖޫނިއާ ބެޑްމިންޓަން ޗެލެންޖް 2024 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މާލޭގެ އެކުވެނީ ބެޑްމިންޓަން ކޯޓުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ފެށިގެން އިއްޔެާ ހަމައަށް ކުރިއަށްދިޔަ މުބާރާތުގައި ޖޫނިއާ އެކި އުމުރުފުރާތަކުގެ 150 ކުޅުންތެރިން ފެނިގެން ގޮސްފައިވެއެވެ. މިފަހަރުގެ މުބާރާތަކީ އައިބާއިން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.
އައިބާގެ ޖޫނިއާ ޗެލެންޖް، 13 އަހަރުން ދަށާއި 15 އަހަރުން ދަށް، 17 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާ އިރު، ފައިނަލް މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެއެވެ.
އަންހެން 13 އަހަރުން ދަށުގެ ސިންގަލްސް ފައިނަލުގައި ޔަލްވީ ހުސައިން ޒުހުރީ އާއި ލައިބާ އަހުމަދު މަހުލޫފް ވާދަކޮށް، ޗެމްޕިއަންކަން ހޯދީ ޔަލްވީއެވެ. އެ އުމުރުފުރާގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ އަހުމަދު އަކިލް މަސްއޫދެވެ. ފައިނަލުގައި އޭނާ ވާދަކުރީ މުހައްމަދު ޔުއާން އަރަފާތު ސައީދާ ދެކޮޅަށެވެ.
ތޭރަ އަހަރުން ދަށުގެ އަންހެން ޑަބަލްސް ތަށި ހޯދީ ލައިބާ އާއި ޔަލްވީގެ ޕެއާއިންނެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަނުންނަކީ އަކިލް އާއި ޔުއާންގެ ޕެއާއެވެ.
އަންހެން 15 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަނަކީ ކިޔާން އާދިލް މުހައްމަދެވެ. ކިޔާން ފައިނަލުގައި ވާދަކުރީ އަޒްކާ ރިލްވާނާ ދެކޮޅަށެވެ. އެ އުމުރުފުރާގެ ފިރިހެން ސިންގަލްސް ފައިނަލުގައި އަހުމަދު އައުޒް އަފީފާއި އިޔާން އަހުމަދު މަމްދޫހު ވާދަކޮށް، ތަށި ގެންދިޔައީ އައުޒެވެ.
ފަނަރަ އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަނުންނަކީ އަބްދުﷲ ރާކިން ބިން އަފްލާމާއި މުހައްމަދު އަދިޔަން އަންވަރުގެ ޕެއާ އާއި އަޒްކާ އަދި ހައްވާ ނޫރީން މުހައްމަދުގެ ޕެއާއެވެ.
ސަތާރަ އަހަރުން ދަށުގެން އަންހެން ސިންގަލްސް ޗެމްޕިއަންކަން އައިމިނަތު ފަރްހާ ފަރޫޒާން ހޯދީ ފައިނަލުގައި އައިޝަތު ޔޫހާ އަހުމަދު ބަލިކޮށްގެންނެވެ. އެ އުމުރުފުރާގެ ފިރިހެން ޗެމްޕިއަނަކީ އަހުމަދު ފަލާހް ފަރޫޒާނެވެ. ފައިނަލުގައި އޭނާ ވަނީ ޔޫސުފް މުނަދީ މަތުލޫބް ބަލިކޮށްފައެވެ.
އެ އުމުރުފުރާގެ ޑަބަލްސް ޗެމްޕިއަނުންނަކީ ފަލާހާއި މުނަދީގެ ޕެއާ އާއި ޔޫހާ އާއި ފަރްހާގެ ޕެއާއެވެ.
މުބާރާތުގައި ވާދަކުރި އެންމެ އުމުރުން ދޮށީ ކެޓަގަރީ ކަމަށްވާ، 19 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތު ޒޯޔާ ހުސައިނެވެ. އެއީ ފައިނަލުގައި އައިޝަތު ލީމް އަބްދުލް މަޖީދާ ވާދަކޮށްގެންނެވެ. އެ އުމުރުފުރާގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އައްޔޫބު އަޒްހަރު މުހައްމަދު ހޯދީ ފައިނަލުގައި މުހައްމަދު މާއިލު ފަތުހުﷲ އިސްމާލް ބަލިކޮށްގެންނެވެ.
ނަވާރަ އަހަރުން ދަށުގެ ޑަބަލްސް ފިރިހެން ޗެމްޕިއަނުންނަކީ އަހުމަދު ޑެނިއަލް އަޝްރަފާއި މުހައްމަދު ހަލަފު އިމްރާގެ ޕެއާއެވެ. އަންހެން ޑަބަލްސް ޗެމްޕިއަނުންނަކީ ޒޯޔާ އާއި މައިޝާ އަހުމަދު އަޒީމްގެ ޕެއާއެވެ.
އިއްޔެގެ ފައިނަލް އިވެންޓްތަކަށްފަހު ކުޅުންތެރިންނަށް ޓްރޮފީ އާއި މެޑަލް ދީފައިވެއެވެ. އަދި ނިންމުމުގެ ގޮތުން ހާއްސަ އިވެންޓެއް ކުރިއަށް ގެންގޮސްފައިވެއެވެ.
ގައުމީ ބެޑްމިންޓަން ޗެމްޕިއަންކަން ގިނަ ފަހަރު މަތިން ހޯދައި، ބައިނަލްއަގުވާމީ މައިދާނުގައި ވެސް ރާއްޖެއަށް ރީތި ނަން ހޯދައިދީފައިވާ އަޖުފާން ހިންގަމުންދާ އައިބާއިން މިއަހަރު ނިންމާލުމުގެ ގޮތުން ޖޫނިއާ ޗެލެންޖް ބާއްވާފައިވާ އިރު، މިއަހަރު ވެގެން ދިޔައީ އިވެންޓްތައް ގިނަ ކާމިޔާބު އަހަރަކަށެވެ.
އެގޮތުން އެކަޑެމީ އެތެރޭގެ ގިނަ މުބާރާތްތަކެއްގެ އިތުރުން ބެލެނިވެރިންނަށް ހާއްސަ މުބާރާތްތަކެއް ބޭއްވުމާ އެކު، އެކިއެކި އަތޮޅު ތެރޭގައި މުބާރާތްތަކުގައި އައިބާގެ ކުޅުންތެރިން ބައިވެރިވެ، ކާމިޔާބު ހޯދިއެވެ. އަދި ތަމްރީނުތަކަށް ކުޅުންތެރިން ވަނީ އިންޑިއާ، މެލޭޝިއާ އަދި ސްރީ ލަންކާއަށްވެސް ގޮސްފައެވެ.