ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ބޮޓްސްވާނާ އަދި ޒެމްބިއާ މުބާރާތުން ކާމިޔާބު ހޯދި ރިވައިވަލްގެ ކުޅުންތެރިންނަށް ރައީސްގެ ތަހުނިޔާ

މިއަދު ނިމުނު ބޮޓްސްވާނާ އިންޓަރނޭޝަނަލް ސީރީޒް ބެޑްމިންޓަން މުބާރާތުގެ އިތުރުން ޒެމްބިއާ މުބާރާތުގައި ވާދަކޮށް ކާމިޔާބީތައް ހޯދި ރާއްޖޭގެ ރިވައިވަލްގެ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ދަންނަވައިފިއެވެ.

ބީޑަބްލިޔުއެފް ގަބޫލުކުރާ ބޮޓްސްވާނާ އިންޓަނޭޝަނަލް މުބާރާތުގައި ބީޑަބްލިޔުއެފްއިން ވަނީ ސިންގަލްސް ރަން މެޑަލްއެއްގެ އިތުރުން ރިހި މެޑަލްއެއްގެ އިތުރުން މިކްސް ޑަބަލްސް ރިހި މެޑަލްއަކާއި އަންހެން ޑަބަލްސް ލޯ މެޑަލްއާއި ފިރިހެން ޑަބަލްސް ލޯ މެޑަލް ހޯދައިފައެވެ.

މިފަހަރު މުބާރާތުގައި ތާރީހީ ސިންގަލްސް މެޑަލް ހޯދީ ފާތިމަތު ނަބާހާ (ނަބާ)އެވެ. ފައިނަލުގައި އޭނާ ވާދަކުރީ އެއްމާބަނޑު އައިމިނަތު ނަބީހާ (ނަބީ)އާ ދެކޮޅަށެވެ.

ނަބީއާއި ނަބާ ސިންގަލްސް މެޑަލް ހޯދި އިރު، ދެން ރިހި މެޑަލް ހޯދީ މިކްސް ޑަބަލްސް އިވެންޓުންނެވެ. އެއީ ޒަޔާނާއި ނަބާގެ ޕެއާއިން ހޯދި ރިހި މެޑަލްއެކެވެ. އަންހެން ޑަބަލްސް ސެމީ ފައިނަލުގައި ނަބާއާއި ނަބީގެ ޕެއާ ވާދަކޮށް ލޯ މެޑަލް ހޯދި އިރު، ފިރިހެން ޑަބަލްސް ސެމީގައި ނިބާލް އަހުމަދާއި ޒަޔާން ވާދަކޮށްވެސް ލޯ މެޑަލް ހޯދިއެވެ.

ބޮޓްސްވާނާ އިންޓަނޭޝަނަލް މުބާރާތަށް ރިވައިވަލްއިން ދިޔައީ ޒެމްބިއާ މުބާރާތުންވެސް ކާމިޔާބީތަކެއް ހޯދުމަށްފަހުއެވެ. ޒެމްބިއާ މުބާރާތުން ޖުމުލަ ތިން މެޑަލް ރިވައިވަލްއިން ހޯދި އިރު، ނަބާހާއާއި ނަބީހާގެ ޕެއާއިން ވަނީ އަންހެން ޑަބަލްސް ރަން މެޑަލްވެސް ހޯދައިފައެވެ.

ރައީސް މިއަދު ކުރެއްވި "އެކްސް"އެއްގައި ވިދާޅުވީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތެއްގައި ހޯދި ކާމިޔާބީތަކާއެކު ރާއްޖެއަށް އެ ރީތިނަން ހޯދައިދިން އެއްމާބަނޑު ދެބެންނަށާއި ޓީމަށް ތަހުނިޔާ ދަންނަވާ ކަމަށެވެ.

"ތާރީހީ ކާމިޔާބީއެއް! ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތެއްގައި އަންހެނުންގެ ސިންގަލްސް ފައިނަލުގައި ވާދަކުރަން، ދިވެހިރާއްޖޭގެ އާމިނަތު ނަބީހާއާއި، ފާތިމަތު ނަބާހާ ހޮވުމާއެކު، ޗެންޕިއަންކަމާއި ރަނަރަޕްކަންވެސް ރާއްޖެއަށް ކަށަވަރުވެއްޖެ. މި މުބާރާތުގައި، ދެ ގޯލްޑް މެޑަލް، ދެ ސިލްވާ މެޑަލް އަދި ހަތަރު ބްރޯންޒް މެޑަލް ކަށަވަރުކޮށް، ދިވެހި ކުޅުންތެރީން ދައްކަމުންދާ މޮޅު ކުޅުމަށްޓަކައި ފަހުރުވެރިކަމާއެކު ސާބަސް ދެން. މިޝަރަފް ރާއްޖެއަށް ހޯދަައިދިން ހުނަރުވެރި ދެބެއިންނަށާއި، ދިވެހި މުޅި ޓީމަށް ތަހުނިޔާ ދަންނަވަން،" ރައީސްގެ އެކްސްގައި ވިދާޅުވިއެވެ.