މޮލްޑޯވާގެ ޗިސިނާއޫގައި ކުރިއަށްދިޔަ "ވިންޓާ ޗިސިނާއޫ 2025"ގައި ވާދަކޮށް ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހުމަދު މަހްލޫފް (އެލީ) ދެ މެޑަލް ހޯދައިފިއެވެ.
މޮލްޑޯވާ މުބާރާތުގައި 216 އެތުލީޓުން ވާދަކޮށްފައިވާ އިރު، އެތުލީޓުން ވާދަކުރީ ރާއްޖެއާއި ބަލްގޭރިއާގެ އިތުރުން މިޔަންމާ، ރޮމޭނިއާ އަދި މޮލްޑޯވާއިންނެވެ. މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
ލައިބާ މިފަހަރު މިކްސް ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދި އިރު، ޑަބަލްސް އިވެންޓުން ލޯ މެޑަލް ހޯދިއެވެ. މިކްސް ޑަބަލްސް އިވެންޓުގައި ލައިބާގެ ޕާޓްނަރަކީ ރޯމޭނިއާގެ ބެންޖަމިންއެވެ. ޑަބަލްސް އިވެންޓުގައި ލައިބާގެ ޕާޓްނަރަކީ މޮލްޑޯވާގެ އިރީނާއެވެ.
ލައިބާ މިކްސް ޑަބަލްސް ފައިނަލަށް ގޮސްފައިވާ އިރު، ކުއާޓާގައި މޮޅުވީ 2-1 ސެޓުންނެވެ. އެއީ މޮލްޑޯވާގެ އެލެކްސެންޑާ އަދި ޑެނިސްގެ ޕެއާ ކައިރިންނެވެ. ފުރަތަމަ ސެޓު މޮލްޑޯވާގެ ޕެއާއިން 21-16 އިން ގެންދިޔަ ނަމަވެސް، ދެން ދެ ސެޓު ލައިބާގެ ޕެއާއިން ގެންދިޔައީ 21-13 އަދި 21-13 އިންނެވެ.
މިކްސް ޑަބަލްސް ސެމީގައި ލައިބާގެ ޕެއާ ނުކުތީ މޮލްޑޯވާގެ އާޓިއޮމްއާއި ކްރީނާގެ ޕެއާއާ ދެކޮޅަށެވެ. މެޗުވެސް ދިޔައީ 2-1 ސެޓުންނެވެ. ފުރަތަމަ ސެޓު، 21-16 އިން ގެއްލުނު ނަމަވެސް ދެން ކުޅުނު ދެ ސެޓު، 21-15 އަދި 21-11 އިން ލައިބާގެ ޕެއާ ގެންދިޔައެވެ.
ފައިނަލުގައި ލައިބާގެ ޕެއާ ނުކުތީ ރޮމޭނިއާގެ ލޫކާއާއި އިސަބެލާގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗު ރޮމޭނިއާގެ ޕެއާ ގެންދިޔައީ 21-16 އަދި 21-17 އިންނެވެ.
ޑަބަލްސް ސެމީގައި ލައިބާއާއި އިރީނާ ވާދަކުރި އިރު، ސެމީގައި މޮލްޑޯވާގެ ޕެއާ މޮޅުވީ 2-1 ސެޓުންނެވެ. ލައިބާގެ ޕެއާ 21-19 އިން ސެޓެއް ގެންގޮސްފައިވަނިކޮށް މޮލްޑޯވާގެ ޕެޓްރީޝިއާއާއި ޑާރިއާ ޕެއާ މެޗު ގެންދިޔައީ އަނެއް ދެ ސެޓު، 21-15 އަދި 27-25 އިން ކާމިޔާބު ކޮށްގެންނެވެ.