ރިވައިވަލް ސްޕޯޓްސްއިން ވާދަކުރަމުން އަންނަ ޒަމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ފާތިމަތު ނަބާހާ (ނަބާ)އާއި އައިމިނަތު ނަބީހާ (ނަބީ) ރަން މެޑަލް ހޯދައިފިއެވެ.
އަންހެން ޑަބަލްސް ފައިނަލަށް ނަބީއާއި ނަބާގެ ޕެއާއިން ދަތުރުކުރީ އަޒަރްބައިޖާންގެ ޕެއާއާ ވާދަކޮށްގެންނެވެ. އަޒަރްބައިޖާންގެ އީރާ މަފްތޫހާއާއި ހާޖަރު ނުރިޔޭވާގެ ޕެއާ ވާދަކޮށް ނަބާއާއި ނަބީ ފައިނަލް ޔަގީންކުރީ 2-1 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މިއަދުގެ ފައިނަލްގައި ނަބާއާއި ނަބީ ވަނީ ސްރީ ލަންކާގެ ހަސީނީ އަމްބަލަންގޮޑަގޭއާއި ހަސާރާ ވިޖަރަޔަތުނޭގެ ޕެއާ ދެ ސެޓުން ބަލިކޮށްފައެވެ. ނަބާއާއި ނަބީގެ ޕެއާ ފައިނަލުން މޮޅުވީ، 21-16, 21-19 އިން ސެޓުތައް ގެންގޮސްފައެވެ.
މިއީ ނަބާއާއި ނަބީ ބީޑަބްލިޔުއެފް މުބާރާތެއްގައި ހޯދި ދެވަނަ ރަން މެޑަލެވެ. އޭގެ އިތުރުން އެ ޕެއާއިން ވަނީ މީގެ ކުރިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ގައިވެސް ރާއްޖެއަށް ރަން މެޑަލް ހޯދައިދީފައެވެ.
ރިވައިވަލްއިން އިތުރު ދެ ލޯ މެޑަލް މިފަހަރު މުބާރާތުގައި ހޯދިއެވެ. އެއީ ސެމީގައި ކުޅެގެންނެވެ. އެގޮތުން ޒަޔާން ޒަކީއާއި ނަބާގެ ޕެއާ ލޯ މެޑަލް ހޯދި އިރު، ސިންގަލްސް ސެމީގައި ކުޅެ ނަބާ ވަނީ ލޯ މެޑަލް ހޯދައިފައެވެ.