މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

އަލް-އަރަބީ އަތުންވެސް ބަލިވެ، މާޒިޔާ އުނދަގޫ ހާލަތަކަށް

އޭއެފްސީން މުޅިން އަލަށް ތައާރަފުކޮށް ފަށާފައިވާ އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ބީގައި ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު ދެވަނަ މެޗުގައި ހޯސްޓް ކްލަބު، ކުވައިތުގެ އަލް އަރަބީ އަތުންވެސް ބަލިވެއްޖެއެވެ.

ރޭ ކުވައިތު ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުން މާޒިޔާ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ކުރީކޮޅުގައި ދެ ގޯލު ފެނިގެން ގޮސްފައިވާ އިރު، މިހާތަނަށް ކުޅުނު ދެމެޗުންވެސް ބަލިވެ މާޒިޔާ އޮތީ އެ ގްރޫޕްގެ ފުލުގައެވެ. އެފްސީ އަރްކަޑާގް ދެ މެޗުން މޮޅުވެ، އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް އެފްސީ އަބްދީޝާއި ތިންވަނައިގައި އޮތް އަރަބީއަށްވެސް ވަނީ ދެމެޗުން ތިން ޕޮއިންޓް ލިބިފައެވެ.

މާޒިޔާ ފަހު މެޗުގައި އަބްދީޝާ ދެކޮޅަށް ނުކުމެ، ބޮޑު މޮޅެއް ހޯދަން މަޖުބޫރުވެފައި ވާ އިރު، ދެވަނައިގެ ނަތީޖާތަކަށް ބަލައިގެން ކުއާޓާއަށް ދާންވެސް މާޒިޔާއަށް އަމިއްލަ ބާރެއް ނެތެވެ. އަދި މިހާރު އޮތީވެސް ވަރަށް ހަނި ފުރުސަތެކެވެ.

ރޭގެ މެޗުގެ ފެށުން މާޒިޔާއަށް ގޯސްކޮށް ދިޔަ އިރު، ހަތްވަނަ މިނެޓުގައި ޔޫސުފް މާޖިދު ވަނީ ކޯނަރެއްގައި އަރަބީއަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ މިނެޓެއް ފަހުން އޭރިއާ ތެރެއިން މާޒިޔާގެ ޑިފެންޑަރު މާރިއޯ ޒެބިޗް ބީޓްކޮށްލާފައި، މާޖިދު ވަނީ ދެވަނަ ގޯލެއް ޖަހައި މެޗުގެ ލީޑު ފުޅާވެސް ކޮށްފައެވެ.

ފުރަތަމަ ހާފުގައި އަރަބީގެ އިތުރު ނުރައްކާތައް ފެނިގެން ގޮސްފައިވާ އިރު، އަނާޔޯ އިވުއާލާގެ ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއެވެ. އަދި މާޒިޔާގެ ކީޕަރު ނެމެންޖާ ލެމާޖިޗް ވަނީ މުހިއްމު ދެ ސޭވެއްވެސް ކޮށްފައެވެ.

މާޒިޔާއިންވެސް ފުރަތަމަ ހާފުގައި ގޯލަކަށް މަސައްކަތް ކުރި އިރު، ބްރެޒިލްގެ ފޯވަޑް ވިލްކްސަން ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.

ދެވަނަ ހާފުގައިވެސް މާޒިޔާގެ ހަމަލާތައް ދަށްކޮށް ފެނުނު އިރު، އަރަބީން ވަނީ ނަތީޖާ އިތުރަށް ފުޅާކުރަން ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން 61 ވަނަ މިނެޓުގައި އަލީ ޕޮރުސާނީ ފޮނުވާލި ހަމަލާވެސް މަތަކުރީ މާޒިޔާގެ ގޯލްކީޕަރު ލެމާޖިޗެވެ.

މާޒިޔާއިން ދެން ނުކުންނަން ޖެހޭނީ އަބްދީޝްއާ ދެކޮޅަށެވެ. އެއީ ހުކުރު ދުވަހުގެ ރޭގައެވެ.