ބެޑްމިންޓަން

ޔުގާންޑާ މުބާރާތުން ރިވައިވަލްގެ ނަބާއާއި ނަބީއަށް ލޯ މެޑަލް

ޔުގާންޑާ އިންޓަނޭޝަނަލް ސީރީސް 2024 ގައި ވާދަކޮށް، ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް ކްލަބުގެ ފާތިމަތު ނަބާހާއާއި އައިމިނަތު ނަބީހާ ލޯ މެޑަލް ހޯދައިފިއެވެ.

މިއަހަރުގެ ޔުގާންޑާ މުބާރާތުގައި ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް ކުޅުންތެރިން ވަނީ ރަނގަޅު ކާމިޔާބީއެއް ހޯދައިފައެވެ. އެގޮތުން އަންހެން ޑަބަލްސް އިވެންޓްގެ އިތުރުންވެސް ގިނަ ކުޅުންތެރިންތަކެއް ވަނީ އިވެންޓްތަކުގެ ކުއާޓާ ހަމައަށް ދަތުރު ކޮށްފައެވެ. އެގޮތުން އަންހެން ސިންގަލްސް އިވެންޓްގެ ކުއާޓާއަށް ނަބާހާއާއި ނަބީހާވެސް ދަތުރު ކޮށްފައިވާ އިރު، ފިރިހެން ޑަބަލްސް އިވެންޓްގެ ކުއާޓާއަށް ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާ ދަތުރުކުރިއެވެ. އަދި މިކްސް ޑަބަލްސް އިވެންޓްގެ ކުއާޓާއަށް ޒަޔާނާއި ނަބާގެ ޕެއާއިން ވަނީ ދަތުރު ކޮށްފައެވެ.

އަންހެން ޑަބަލްސްގެ ކުއާޓާގައި ނަބީ އާއި ނަބާގެ ޕެއާ ވަނީ ޔޫގާންޑާގެ ކްލެއާ ނަމިރެމްބޭ އާއި ކިމްބެލީ ޖޮއާންގެ ޕެއާ ބަލިކޮށްފައެވެ. އެއާއެކު އެ ޕެއާއަށް މެޑަލް ޔަގީންވެފައިވާ އިރު، ސެމީގައި ނަބާހާއާއި ނަބާހާ ވާދަކުރީ ޔޫއޭއީގެ ނިދީ ދޭސާއީއާއި ސްރީޔުތުކާ ސްރީޖިތު ޕަރޯލްގެ ޕެއާއާ ދެކޮޅަށެވެ.

ސެމީގައި ނަބާހާއާއި ނަބީހާގެ ޕެއާ ބަލިވީ 2-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ޔޫއޭއީގެ ޕެއާއިން 14-21 އިން ކާމިޔާބުކުރި ނަމަވެސް، ދެވަނަ ސެޓު 21-15 އިން ނަބާހާއާއި ނަބީހާގެ ޕެއާއިން ގެންދިޔައެެވެ. ފަހު ސެޓު ނަބާހާއާއި ނަބީހާ އަތުން ގެއްލުނީ 18-21 އިންނެވެ.

ނަބާހާއާއި ނަބީހާގެ ޕެއާއަކީ ރާއްޖޭގެވެސް ޑަބަލްސް ޗެމްޕިއަން ޕެއާއެވެ. މިހާތަނަށް އެ ޕެއާއިން ވަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކަކުންވެސް ރާއްޖެއަށް މެޑަލް ގެނެސްދީފައެވެ.