ބެޑްމިންޓަން

އަޖުފާން އެކަޑަމީން ސިންގަޕޫރު ލިނިންގްއާއެކު އެއްބަސްވުމަކަށް

ބެޑްމިންޓަން ކުޅިވަރު ސާމާނު ފޯރުކޮށްދޭ މަޝްހޫރު ކުންފުނި، ސިންގަޕޫރުގެ ލިނިންގްއާއެކު އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑަމީ (އައިބާ) އިން ސްޕޮންސާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ބެޑްމިންޓަން ކުޅުންތެރިޔާ، މުހައްމަދު އަޖުފާން ރަޝީދުގެ އެކަޑަމީއާއެކު ހެދި އެ އެއްބަސްވުމުގެ ދަށުން ލިނިން އިން އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުޅިވަރު ސާމާނު ފޯރުކޮށްދޭނެއެވެ.

އައިބާ އިން ބުނީ ލިނިންގެ އެ ފުރުސަތުގެ ދަށުން އެ އެކަޑަމީގެ ހުނަރުވެރި ހަތަރު ކުޅުންތެރިޔަކަށް އެހީތެރިކަން ލިބޭނެ ކަމަށާއި އެއީ ފިރިހެން ދެ ކުޅުންތެރިންނާއި އަންހެން ދެ ކުޅުންތެރިން ކަމަށެވެ. އަދި އެއީ ކޯޗުންނާއި މުޅި އެކަޑަމީއަށް ލިބުނު ބޮޑު އުފަލެއް ކަމަށް އައިބާ އިން ބުންޏެވެ.

"މި ފުރުސަތުގައި ބެލެނިވެރިންނާއި ސަޕޯޓަރުންނަށް ހާއްސަ ޝުކުރެއް އަދާކުރަން. މިއީ އެމީހުންގެ އެއްބާރުލުމާއި ތަރުހީބުގެ ސަބަބުން ލިބުނު ބޮޑު ކުރިއެރުމެއް. އަޅުގަނޑުމެންގެ މި ދަތުރުގައި އެކުގައި މަސައްކަތްކޮށްގެން އިތުރު ކާމިޔާބީތައް ހޯދޭނެ. މި ސްޕޮންސާޝިޕްގެ ދަށުން އަޅުގަނޑުމެންގެ ކުޅުންތެރިންނަށް އެންމެ މަތީ ފެންވަރުގެ ކުޅިވަރު ސާމާނާއެކު ޓްރެއިންކޮށް، އިތުރަށް ކުރިއެރުމަށް ފުރުސަތު ލިބިގެންދާނެ،" އައިބާ އިން ބުންޏެވެ.

ދާދިފަހުން އައިބާ އިން ވަނީ ސްރީ ލަންކާގެ ދަ ރައިސިން ސްޓާ ބެޑްމިންޓަން އެކަޑަމީއާއެކު ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ރައިސިން ސްޓާ ބެޑްމިންޓަން އެކަޑަމީއަކީ ލަންކާގެ ގައުމީ ޓީމުގެ މިހާރުގެ ކުޅުންތެރިންނާއި ކުރީގެ ޗެމްޕިއަނުންގެ މައްޗަށް އެކުލެވޭ ހުނަރުވެރި ކޯޗިން ޓީމަކާ އެކު ޕްރޮފެޝަނަލް ކުޅުންތެރިން ތަމްރީނު ކުރުމުގައި ފާހަގަކޮށްލެވޭ އެކަޑެމީއެކެވެ. އޭގެ އިތުރުން އެ އެކަޑެމީގެ ހެޑް ކޯޗަކީ، އިންޑޮނޭޝިއާ އާއި މެލޭޝިއާގެ އިތުރުން މޮރިޝަސް އަދި ސްރީ ލަންކާގެ ގައުމީ ޓީމަށް ކޯޗުކަން ކޮށްދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ.

ރައިސިން ސްޓާ ބެޑްމިންޓަން އެކަޑަމީއާއެކު އައިބާ އިން ހެދި އެ އެއްބަސްވުމާއެކު ދެ ފަރާތުން ވެސް ޕްރޮފެޝަނަލް ކެޕޭސިޓީ އިތުރުކޮށް، ކުޅުންތެރިންނާއި އޮފިޝަލުންގެ ތަމްރީނުތަކަށް ހާއްސަ ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.