ޝަރީއަތުގައި ކުރިއަށްދާ މައްސަލަތަކުގައި، ޕީޖީގެ ފަރާތުން ސްޓޭންޑް ބަދަލުކޮށްފިނަމަ ފިޔަވަޅު އަޅަންޖެހިދާނެ ކަމަށް ހައިކޯޓަށް ނުބުނެވޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.
ޝަރީއަތުގައި ކުރިއަށްދާ މައްސަލަތަކާބެހޭގޮތުން، މައްސަލަ ކުރިއަށްދާ އެކި މަރުހަލާ ތަކުގައި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމްގެ ސްޓޭންްޑް އެކި ގޮތްގޮތަށް ތަފާތުވަމުންދާ މައްސަލައިގައި، ފިޔަވަޅު އެޅިދާނެކަމަށް ބުނެ ހައިކޯޓުން މީގެ ކުރިން ޕީޖީއަށް ވަނީ އިންޒާރު ދީފައެވެ.
މި މައްސަލައާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޕީޖީ އައިޝަތު ބިޝާމް ވިދާޅުވީ، އެގޮތަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ހައިކޯޓަށް ނުބުނެވޭނެ ކަމަށާއި، އަދި އެއްވެސް ސަބަބެއްނެތި ޕީޖީން ސްޓޭންޑް ބަދަލުކޮށްފައި ނުވާނެކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވީ، ދައުވާކުރަން ނިންމާ ނިންމުންތައް އަނބުރާ ގެނައުމާއި، އެ ނިންމުމެއް ބަދަލު ކުރުމާއި، ރިވިއު ކުރުމުގެ ވާހަކަ ސަރީހަ އިބާރާތުން ގާނޫނު އަސާސީ އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާނޫނުގައި ލިޔެފައިވާކަމަށެވެ. އެހެންކަމުން އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ، މިހާރުގެ ބަންޑާރަ ނައިބު، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ނެރުއްވާފައިވާ ޕްރޮސެކިއުޝަން ގައިޑްލައިނާ ގުޅިގެން، ކުރިން ބައެއް މައްސަލަތަކުގައި އަމަލުކުރަމުންދިޔަ ގޮތް އެގައިޑްލައިނާ އެއްގޮތްކުރުމަށް، ސްޓޭންޑް ބަދަލުކޮށްފައިވާނެ ކަމަށެވެ. އަދި މިހާތަނަށް ޝަރީއަތުގައި ސްޓޭންޑެއް ބަދަލު ކޮށްފައި ވާނަމަ އެސަބަބެއް ކޯޓްތަކުގައި ހާމަކުރައްވާފައިވާނެކަމަށާއި ހަމަ ހުންނަވާފައި ސްޓޭންޑް ބަދަލުކޮށްފައި ނުވާނެކަމަށްވެސް ވިދާޅުވިއެވެ.
ސްޓޭންޑް ބަދަލުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހައިކޯޓުން ދީފައިވަނީ، ހުސްވި އޭޕްރީލްމަހުގެ 30 ވަނަ ދުވަހު އެކޯޓުގައި ކުރިއަށްދިޔަ، ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި މައްސަލައިގެ ތެރެއިން ދައުވާ ކޮށްފައިވާ، ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ އަހުމަދު ތިހާމްގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުމުގައެވެ.
މި އަޑުއެހުމުގައި ހުކުމް އިއްވުމުގެ ކުރިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު މުހައްމަދު ނިޔާޒު، ވިދާޅުވީ، ބައެއް މައްސަލަތަކުގައި ދަށު ކޯޓުގެ ނިންމުން ދިފާއު ކުރުމަށް ފަހު، އިސްތިއުނާފު މަރުހަލާތަކުގައި ދަށު ކޯޓުގެ ނިންމުން ގޯސް ކަމަށް ބުނެ ދައުލަތުގެ ސްޓޭންޑް ބަދަލު ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެ މައްސަލާގައި ދައުލަތުގެ ސްޓޭންޑް ބަދަލު ކުރުމުގެ ވިސްނުމެއް އެބަ އޮތްތޯ ފަނޑިޔާރު ދައުލަތާ ސުވާލު ކުރެއްވި އެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒަށް ޖަވާބު ދެއްވަމުން ޕީޖީ އޮފީހުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވީ އެ މައްސަލައިގައި، ޕީޖީއިން ވަކާލަތު ކުރަނީ އެންމެ ފުރަތަމަ ވެސް މައްސަލަ ހުށަހެޅި ނުކުތާތަކުގެ މައްޗަށް ކަމަށާއި، މައްސަލައިގައި އިތުރު ސްޓޭންޑެއް ނެތް ކަމަށެވެ.
އެއަށްފަހު ފަނޑިޔާރު އެއްސެވީ، ދަށު މަރުހަލާތަކުގައި ވަކި ގޮތަކަށް ވަކާލާތު ކުރުމަށްފަހު އެއަށްވުރެ މަތީ މަރުހަލާތަކަށް ގޮސް ސްޓޭންޑް ބަދަލު ކުރުމަކީ ޕީޖީ ކުރާ ކަމެއްތޯ އެވެ؟ ޖަވާބުދެއްވަމުން ނައުޝާދު ވިދާޅުވީ އެގޮތަށް ސްޓޭންޑް ބަދަލު ނުކުރާ ކަމަށެވެ. ނަމަވެސް ފަނޑިޔާރު ވިދާޅުވީ، ޕީޖީން ސްޓޭންޑް ބަދަލު ކުރެވޭކަން ފާހަ ކުރެވޭ ކަމަށާއި، އެކަން އެގޮތަށް ކުރާ ނަމަ އެއީ ޕީޖީ ހައްދަވާ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި އެގޮތަށް ޕީޖީ އަމަލު ކުރައްވާނަމަ، އެކަމަނާއަށް ތައުދީބީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ހައިކޯޓުން މިހެން ވިދާޅުވިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނާ މައްސަލާގައި ޕީޖީ ވަނީ ސްޓޭންޑް ބަދަލު ކުރައްވައިފައެވެ. ކުރިމިނަލް ކޯޓާއި ހައިކޯޓުގައި ޕީޖީ ވަނީ އެ މައްސަލަ ސާބިތު ކުރަންޖެހޭ ގޮތަށް ވަކާލާތު ކުރައްވައިފަ އެވެ.