ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު ނެރުއްވި އޮޑިޓް ރިޕޯޓުގެ މައްސަލައިގައި އެ ރިޕޯޓު ނެރުއްވުމުގެ ކުރީން ސިފައިންނާއި ފުލުހުންގެ ހިމާޔަތަށް އެދިވަޑައިގަތުމުން، ރައީސް ޔާމީން ފޯނު ކުރައްވާފައި ފްލެޓެއް ދެއްވަން ހުށަހެޅުއްވި ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް އިބްރާހީމް ނިޔާޒު ވިދާޅުވެއްޖެ އެވެ.
ނިޔާޒް މިހެން ވިދާޅުވީ ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ނިޔާޒް ވިދާޅުވީ އަދީބުގެ ކޮރަޕްޝަންގެ މައްސަލަތައް ހިމެނޭ ރިޕޯޓުގައި ހުރި ބޮޑެތި މައްސަލަތައް އެ ރިޕޯޓު ނެރުއްވުމުގެ ކުރީން ރައީސް ޔާމީނާ ހިއްސާކުރެއްވި ކަމަށެވެ. އެއީ އޮޑިޓް ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތް ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.
ރައީސް ޔާމީނާ އެ މައުލޫމާތުތައް ހިއްސާކުރެއްވި ފަހުން، އަދީބު ފޯނު ކުރައްވައި ކަންތައްތައް ދަނީ މާ ރަނގަޅަށް ނޫން ކަމަށާއި ތިއީ ވަކި މީހަކު ބޭނުންވާ ގޮތަށް ނެރެން އުޅޭ ރިޕޯޓެއް ކަމަށް ވިދާޅުވި ކަމަށް ނިޔާޒްގެ ވާހަކައިގައި ވިދާޅުވި އެވެ.
އަދީބު އެހެން ވިދާޅުވި ނަމަވެސް، އެ އޮޑިޓް ރިޕޯޓު ނެރުމުގެ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް އެންގެވި ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ދެން އޭރުގެ ހާލަތު އޮތް ގޮތުން ފުލުހުންނާއި ސިފައިންގެ ހިމާޔަތަށް އަޅުގަނޑު އެދުނިން. އޭގެ ފަހުން ރައީސް ޔާމީން ގުޅުއްވާފަ އަމީނީ މަގުގައި ހުންނަ ޓީވީ ކޮށިން ފްލެޓެއް ދެއްވާނެ ކަމަށް ވިދާޅުވީ،" ނިޔާޒް ވިދާޅުވި އެވެ.
ނަމަވެސް ރައީސް ޔާމީންގެ އެ ހުށަހެޅުއްވުން ގަބޫލުނުކުރައްވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު އޮޑިޓާ ޖެނެރަލް ކަމުގެ މަގާމުން ވަކިކުރީވެސް އަދީބުގެ ކޮރަޕްޝަންގެ މައްސަލަތައް ފާހަގަކުރައްވައި ނެރުއްވި އޮޑިޓް ރިޕޯޓުގެ މައްސަލައިގައި ސަރުކާރުން އޭނައާ މެދު ހިތްހަމަނުޖެހިގެންނެވެ.