ނިޔާޒު އިބްރާހިމް

ކޮމިޓީ މަރުހަލާގައި ނިޔާޒަށް މާކްސް ލިބުނީ އެންމެ ގާބިލު ކަމަށް ބަލާ މިންވަރަށް ވުރެ ދަށުން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުކަމަށް އައްޔަންކުރުމަށް ފޮނުވި ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމަށް ކޮމިޝަނަށް އައްޔަންކުރަން އެންމެ ގާބިލު ކަމަށް ބަލާ މިންވަރަށް ވުރެ މަދުން މާކްސް ލިބި، އޭނާގެ ނަން ފެއިލްވެއްޖެއެވެ.

އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 68 ބޭފުޅަކު ކުރިމަތިލީ އިރު، އެ ހުރިހާ ނަމެއް ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަޖިލީހަށް ފޮނުވައިފައެވެ. އޭގެ ތެރެއިން ރައީސަށް ފެންނަ 12 ނަމެއް ވެސް ވަނީ ފާހަގަކުރައްވައިފައެވެ.

ރައީސް ފާހަގަކުރެވި 12 ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު މިނިވަން މުއައްސާތަކުގެ ކޮމިޓީން ވަނީ ރިޕޯޓު އެކުލަވާލައިފައެވެ. އެގޮތުން އެންމެ ގިނަ މާކްސް ލިބިފައިވަނީ 77.718 މާކްސް ލިބުނު އިބްރާހިމް ޝަކީލަށެވެ. ދެވަނައަށް އެންމެ ގިނަ މާކްސް ލިބުނު އާދަމް ޝާމިލަށް 77.284 މާކްސް ލިބުނު އިރު، ތިންވަނައަށް އެންމެ ގިނަ މާކްސް ލިބުނު ފާތިމަތު އަނޫލާއަށް ލިބިފައިވަނީ 77.264 މާކްސްއެވެ. އޭގެ ތެރެއިން މަރިޔަމް ޝިއުނާއަށް 76.976 މާކްސް ލިބުނު އިރު، އާއިޝަތު އަބްދުﷲ އަށް ލިބިފައިވަނީ 75.142 މާކްސްއެވެ.

ކޮމިޓީން މާކްސް ދީގެން ކޮމިޝަނަށް އައްޔަންކުރަން އެންމެ ގާބިލު ބޭފުޅުން ކަމަށް ބަލަނީ 75 މާކްސްއަށް ވުރެ މަތިން ލިބޭ ބޭފުޅުންނެވެ. އެ މިންވަރަށް ވުރެ ދަށުން މާކްސް ލިބުނު ބޭފުޅުންގެ ތެރޭގައި ހިމެނޭ ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒަށް ލިބިފައިވަނީ 67.476 މާކްސްއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނީ އެ ބޭފުޅުންނަށް ލިބުނު މާކްސްގެ ތަރުތީބުންނެވެ. އެގޮތުން ފުރަތަމަ ވޯޓަށް އަހާނީ އެންމެ މަތިން މާކްސް ލިބުނު ނަމަށެވެ. އޭސީސީގައި މިހާރު ތިއްބެވި ފަސް މެމްބަރުންނަކީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅުންނެވެ. އެ ބޭފުޅުންގެ މެމްބަރުކަމުގެ ދައުރު އަންނަ ސެޕްޓެމްބަރު މަހު ހަމަވާނެއެވެ. އޭސީސީގައި ތިއްބަވާނީ ރައީސް އާއި ނައިބު ރައީސް ހިމެނޭ ގޮތަށް ފަސް މެމްބަރުންނެވެ.