ނިޔާޒު އިބްރާހިމް

ކުރީގެ އޮޑިޓާ ޖެނެެރަލް ނިޔާޒް އިބްރާހިމް އޭސީސީގެ މެންބަރުކަމަށް ކުރިމަތިލައްވައިފި

އިބްރާހިމް ޒަކީ

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް ކުރިމަތި ލައްވައިފިއެވެ.

އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމާއި، އެ ކޮމިޝަނުގައި މިހާރު ތިއްބެވި 4 މެންބަރުންގެ މެންބަރު ކަމުގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހާ ހަމަޔަށް ހަމަވާތީ، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސުލް ޖުމްހުރިއްޔާގެ އޮފީހުން އިއުލުނާކޮށް ކުމަތިލެއްވި ބޭފުޅުންގެ ނަންތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ 12 ނަމެއް މިއަދު މަޖިލީހަށް ވަނީ ފޮނުއްވަވައިފައެވެ.

އެނަން ލިސްޓުގެ 10 ވަނައިގަ ހިމެނި ވަޑައިގަންނަވަނީ، ނިޔާޒުގެ ނަމެވެ.

މި ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާއިރު، އޭގެ ތެރެއިން އޭސީސީގެ މެންްބަރުކަމަށް 5 ބޭފުޅަކު ކަނޑައަޅުއްވާނީ، ކޮމިޓީން ނަންތައް ދިރާސާ ކުރެއްވުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވާ ނަންތަކުގެ ތެރެއިން ކޮމިޓީން އެންމެ މަތީ މާކްސް ލިބުނު ނަންތަކަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައިގެން ފާސް ކޮށްގެންނެވެ.

އޮޑިޓަރ ޖެނެރަލްގެ މަގާމުގައި ނިޔާޒު ހުންނަވަނިކޮށް އެމަގާމު އޭނާއަށް ގެއްލުނީ 2014 ވަނަ އަހަރު އޮޑިޓް ގާނުނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ސަބަބުންނެވެ.

ނިޔާޒު ރާއްްޖެ ދޫކޮށް އާއިލާއާއެކު 2016 ވަނަ އަހަރު ސްރީލަންކާއަށް ވަޑައިގެންނެވީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާލައި، އަލްޖަޒީރާއިން އާއްމުކުރި ޑޮކިއުމެންޓްރީ އަށް މައުލޫމާތު ދެއްވުމުން ލިބިވަޑައިގަތް އިންޒާރުތަކާ ގުޅިގެން އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.