އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރަކަށް ފަސް ލައްކަ ރުފިޔާގެ އެހީ ދީފައި ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ނިޔާޒު މިހެން ވިދާޅުވީ ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ނިޔާޒު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައާ ގުޅޭގޮތުން އަލްޖަޒީރާއާ އެކު ކުރި ތަހުގީގުން އެނގުނު ގޮތުގައި އޭސީސީގެ މެންބަރަކާއި އަދީބާ ދެމެދު ޓެކްސްޓް މެސެޖުތަކުގެ މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށެވެ.
އޭސީސީގެ މެންބަރަކަށް ފައިސާ ދިން ކަމާއި އެ ފައިސާ ލިބިފައިވާކަންވެސް ޓެކްސްޓުތަކުން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭސީސީ އާއި އެ ނޫންވެސް މުއައްސަސާތަކާ ގުޅިގެން އޭސީސީން ކުރަމުން ދިޔަ ކަންކަމުގެ ލިޔެކިޔުންތައް ވެސް އޭސީސީން އޭރު އަދީބާ ހިއްސާކުރަމުން ދިޔަ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
އޭސީސީގެ އިތުރުން ދައުލަތުގެ އެހެން ވުޒާރާތަކާއެކު އޮޑިޓް އޮފީހުން ކުރިއަށްގެންދިޔަ ބައްދަލުވުންތަކުގެ މައުލޫމާތު ވެސް އޭސީސީން އަދީބާ ހިއްސާކުރި ކަމަށް ނިޔާޒް ވިދާޅުވި އެވެ.