ޚަބަރު

ކޮމިޝަންތަކަށް ބާރުދޭން ބޭނުން ނުވާ މެމްބަރުން ސަރުކާރުގައި ތިބުމުން ހައިރާނެއް ނުވޭ: ނިޔާޒް

މަރިޔަމް ޝަހުދާ

ކޮމިޝަންތަކަށް ބާރުދޭން ބޭނުން ނުވާ މެމްބަރުން ސަރުކާރުގައި ތިބުމުން ހައިރާން ނުވާ ކަމަށް ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ނިޔާޒް މިހެން ވިދާޅުވެފައި ވަނީ ކޮމިޝަންތަކަށް ބާރުދޭން ބޭނުން ނުވާ މެމްބަރުން ސަރުކާރުގައި ތިބޭކަމަށް ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަބުދުﷲ ރިޔާޒު ވިދާޅުވި ވިދާޅުވުމާ މެދު ކުރެއްވި ޓުވީޓަކުންނެވެ.

އެގޮތުން ނިޔާޒް ވަނީ މަޖިލީހުގައި މިވަގުތު ތިބި ގިނަ މެމްބަރުންނަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެމްއެމްޕީއާރުސީ އާއި ދައުލަތުގެ އެހެނިހެން ދިމަދިމާއިން ހިންގި ބޮޑެތި ހިޔާނާތުގެ ފައިދާ ސީދާގޮތުންނާއި ނުސީދާ ގޮތުން ލިބިފައިވާ މެމްބަރުންކަމަށް ވާތީ ކަމަށް ވިދާޅުވެފައެވެ. އަދި ނިޔާޒް ވަނީ އެބޭފުޅުންނަކީ އެކި ހިޔާނާތުގެ ފައިސާ ލިބި، އޭގައި 'އުނގުޅި ތަގައްޔަރުވެފައި ތިބި މީހުން' ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މިދިޔަ އަހަރުގެ އެންމެ ފަހު ޖަލްސާގައި ކޯރަމް ހަމަނުވުމުގެ ސަބަބުން މަޖިލީހުގެ ތަޅުމުގައި ވޯޓަށް ހުށަހެޅި ހިޔާނާތާއި މަރުގެ މައްސަލަތައް ބަލާ ކޮމިޝަނަށް ބާރުދޭ ބިލަށް ވޯޓު ލުމަށް ތާވަލް ކޮށްފައެވެ. ނަމަވެސް މި ބިލަށް ވޯޓަށް އެހި ވަގުތު މަޖިލީހުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން މިއަދުގެ ޖަލްސާގައި ވެސް ވަނީ މި ބިލަށް ވޯޓަށް އެހޭ ގޮތް ނުވެފައެވެ.