މުހައްމަދު އައުޒަމް
އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަ ފެންމަތިވުމުގެ ކުރިން އެ މައުލޫމާތު އޮޑިޓް އޮފީހާ ހިއްސާކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވި ވިދާޅުވުމަކީ ތެދު ހަގީގަތެއް ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވީޓިވީގެ ފަސް މަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނިޔާޒު ވިދާޅުވީ ޑޮލަރު ގަތުމަށް އެމްޕީއެލް އިން އެމްއެމްޕީއާރްސީ އަށް 77.1 މިލިޔަން ރުފިޔާ ދޫކުރަން ނިންމުމާއި އެމްޓީޑީސީ އިން އެމްއެމްޕީއާރްސީއަށް އެއް މިލިޔަން ރުފިޔާގެ ނެގުމަށް ހިންގި ކޮރަޕްޝަންގެ މުއާމަލާތާ ގުޅޭ މައުލޫމާތު ނާޒިމް އޮޑިޓް އޮފީހާ ހިއްސާ ކުރެއްވި ކަމަށެވެ.
ނިޔާޒު ވިދާޅުވީ ނާޒިމާ ބައްދަލުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ކަމަށާއި އޭނާ އަކީ ފަރުދީގޮތުން އެއްވެސް ގުޅުމެއް އޮންނަ ބޭފުޅެއް ނޫން ކަމަށެވެ. ނާޒިމަކީ އޭރު މާލިއްޔަތު ކޮމެޓީގެ މުގައްރިރެވެ.
ނަމަވެސް ކޮރަޕްޝަންގެ އެ މުއާމަލާތާ ގުޅިގެން އޮޑިޓް ރިޕޯޓެއް ނެރުމުން، އެއީ ޒާތީވެގެން ވަކި މަގުސަދެއް ހާސިލުކުރުމަށް ޓަކައި ނެރުނު ރިޕޯޓެއް ކަމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލް ޣަފޫރާއި ޕީޕީއެމްގެ އިސް ބޭފުޅުން ގެންދެވީ ވިދާޅުވަމުންނެވެ.
ނިޔާޒު ވިދާޅުވީ ނާޒިމް ފަދަ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަރިސް ބޭފުޅަކު އެފަދަ ކޮރަޕްޝަން މައްސަލައެއްގެ މައުލޫމާތު ހިއްސާކުރުމުން އެއީ ވަކި މަގުސަދެއް ހާސިލުކުރުމަށް ޓަކައި އޭނާ ހިއްސާކުރި މައުލޫމާތެއް ކަމަށް ހިތަށް އެރި ކަމަށެވެ. އަދި އެ މައްސަލަ ބަލަން ނިންމީ އޮޑިޓް އޮފީހުގެ އިސްބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
''އޭރުވެސް އަޅުގަނޑުމެން ސުވާލު އުފެއްދިން ރައީސުލްޖުމްހޫރިއްޔާގެ އަރިސްބޭފުޅަކު އަޅުގަނޑުމެންނަށް މި މައުލޫމާތުތައް ހިއްސާކުރެއްވުމުގެ މަގުސަދަކީ ކޮބައިތޯ. އަނެއްކާ ނުބައި ނިޔަތެއްގައި އަޅުގަނޑުމެން ވަކި ގޮތަކަށް ޔޫސްކުރުމަށްޓަކައި ވަކި މަގުސަދެއް ހާސިލުކުރުމަށް ޓަކައި އެމަނިކުފާނު ކުރައްވާ ކަމެއްތޯ. ދެން ކޮންމެއަކަސް އަޅުގަނޑުމެން މަޝްވަރާކޮށްފަ ނިންމީ ކޮންމެ ފަދަ މަގުސަދެއްގައި ނާޒިމް އެފަދަ ކަމެއް ކުރެއްވިޔަސް ދައުލަތުގެ މާލިއްޔާއާ ބެހޭގޮތުން މިހާބޮޑު ތުހުމަތުތަކެއް ކުރެވޭ ދަނޑިވަޅެއްގައި އޮޑިޓް އޮފީހުން އަޅާނުލައި ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން. އެހެންވީމަ އެކަމުގެ ތެދު ހަގީގަތް އަޅުގަނޑުމެންނަށް ދެނެގަންނަން ޖެހޭނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ،" ނިޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނާޒިމް ހިއްސާކުރެއްވި މައުލޫމާތުތައް ބެލުމުން އެއީ ތެދު ހަގީގަތްކަން ހާމަވި ކަމަށެވެ.
"އެއާ ގުޅިގެން އަޅުގަނޑުމެން އެ މަސައްކަތް ކުރިއަށް ގެންދިޔައީ. އޮޑިޓް ރިޕޯޓުން ވެސް ފާހަގަކުރެވިގެންދިޔައީ ނާޒިމް ހިއްސާ ކުރެއްވި މައުލޫމަތަކީ ތެދު ހަގީގަތެއްކަން. ނާޒިމް ބަޔާނުގައި ފާހަގަކުރައްވާ ވާހަކަފުޅަކީ ތެދުފުޅެއް. އޮޑިޓާޖެނެރަލް އޮފީހަށް ނާޒިމް އެ މައުލޫމާތު ހިއްސާކުރެއްވި،" ނިޔާޒު ވިދާޅުވިއެވެ.
އެ އޮޑިޓް ރިޕޯޓު ނެރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށް ނުދީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީން އޮޑިޓް އޮފީހުގެ މަސައްކަތަށް ދަތިކޮށްފައިވާ ކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ތަންތަނުން އެއްބާރުލުން ނުދީ ތަދިކުރަމުންދާތީ އެޓާނީ ޖެނެރަލްގެ އޮފީހަށް ވެސް އެ މައްސަލަ ހުށަހެޅި ކަމަށާއި ނަމަވެސް ވީކަމެއް ނެތް ކަމަށެވެ.
އެހެންކަމުން ހަ މަސް ދުވަހު މަސައްކަތް ކުރުމަށްފަހު ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އޮޑިޓް ރިޕޯޓު ނެރުނީ ކަމަށާއި އެއީ އެންމެ ފުރިހަމައަށް މައުލޫމާތު ހިމެނޭ ރިޕޯޓެއް ނޫން ކަމަށް އެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ އޮޑިޓް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިޕޯޓު ނެރުމުގެ ކުރިން ރައީސް ޔާމީނަށް އެ މައްސަލާގައި ހުރި ބޮޑެތި ކަންތައްތަކުގެ މައުލޫމާތު ހިއްސާކުރެއްވި ކަމަށެވެ.
ދެން އެއަށްފަހު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު އޭނައަށް ފޯނު ކުރައްވައި ކަންތައްތައް ދަނީ މާ ރަނގަޅަށް ނޫން ކަމަށާއި އެއީ ވަކި މީހަކު ބޭނުންވާ ގޮތަށް ނެރެން އުޅޭ އޮޑިޓް ރިޕޯޓެއް ކަމަށާއި ގާނޫނާ ޚިލާފު އެއްވެސް ކަމެއް ތިމަންނާ ކޮށްފައި ނުވާނެ ކަމަށް އަދީބު ވިދާޅުވި ކަމަށް ނިޔާޒު ފާހަގަކުރެއްވިއެވެ.
އަދީބު އެހެން ވިދާޅުވުމުން އެ އޮޑިޓް ރިޕޯޓު ނެރުމުގެ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް އަންގާފައިވާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
އޭރުގެ ހާލަތު އޮތް ގޮތުން ފުލުހުންނާއި ސިފައިންގެ ހިމާޔަތަށް އޭނާ އެދިވަޑައިގަތުމުން ރައީސް ޔާމީން ފޯނު ކުރައްވައި އަމީނީ މަގުގައި ހުންނަ ޓީވީ ކޮށިން ފްލެޓެއް ދެއްވާނެ ކަމަށް ވިދާޅުވި ކަމަށް ނިޔާޒު ރޭ ވެސް ފާހަގަ ކުރެއްވިއެވެ.
ނަމަވެސް ރައީސް ޔާމީންގެ އެ ހުށަހެޅުއްވުން ގަބޫލުނުކުރައްވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު މަގާމުން ވަކިކުރީވެސް އެ އޮޑިޓް ރިޕޯޓު ނެރުމާ ގުޅިގެން ސަރުކާރުން އޭނައާ މެދު ހިތްހަމަނުޖެހިގެންނެވެ.
ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމް އާދީއްތަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅޭ މައުލޫމާތު އޭރުގެ އޮޑިޓާ ޖެނެރަލް ނިޔާޒުއާ ހިއްސާ ކުރެއްވުމަށްފަހު ރައީސް ޔާމީނާ ބައްދަލުކުރައްވައި އެމަނިކުފާނަށް ވެސް އެ މައުލޫމާތު ދީފައިވާނެ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން އެކަމުގައި އެއްވެސް ފިޔަވަޅެއް ނާޅުއްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.