ރާއްޖޭގައި ހިނގަމުންދާ ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުގެ މިސްރާބު ހުރީ އެންމެ ރަނގަޅަކަށް ނޫން ކަމަށާއި އެ އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާ ވާން ޖެހޭ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) ވިދާޅުވެއްޖެއެވެ.
ސައްތާރު އެހެން ވިދާޅުވީ މިފަހަރު ޕެރިސް އޮލިމްޕިކްސްއަށް ދާ ރާއްޖޭގެ ކޮންޓިޖެންޓުގެ ތެރެއިން ދިދަ އުފުލާނެ އެތުލީޓުން އިއުލާނު ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ހާއްސަ އިވެންޓްގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެލެއްވި އެ އިވެންޓްގައި ރާއްޖޭގެ ދިދަ އުފުލަން ކަނޑައަޅާފައި ވަނީ އެތުލެޓިކްސްގެ އިބާދުﷲ އާދަމާއި އަލަށް ރާއްޖެއިން އޮލިމްޕިކްސްއަށް ކޮލިފައިވިި އެތުލީޓް، ހުނަރުވެރި ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއެވެ.
ސައްތާރު ވަނީ ދީމާގެ ކާމިޔާބީ ވަކިން ހާއްސަކޮށް ފާހަގަކުރައްވައިފައެވެ. އެގޮތުން އަލަށް ދިވެއްސަކު އޮލިމްޕިކްސްއަށް ކޮލިފައިވެ، އެންމެ ބޮޑު ކުޅިވަރު އިވެންޓަށް ދާ ދިޔުމަކީ އެތައް ބައެއްގެ ބުރަ މަސައްކަތް ކަމަށް ސައްތާރު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން އޭނާ މިއަދު ވިދާޅުވީ މިއަށްވުރެ އުހަށް ދާން ބޭނުންވާ ކަންތަކަށް މިއަދު ބަލާލަން ޖެހޭ ކަމަށެވެ. އެގޮތުން ރީޖަނަލް މެޑަލް ހޯދުމަށް ކުރެވެން އޮތީ ކޮން މަސައްކަތެއްތޯ ބަލައި، އެ މަސައްކަތް ކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވޭ މިއަށްވުރެ އުހަށް ދާން. ރީޖަނަލް މެޑަލްއާ ހަމައަށް ދާންވެސް ބޭނުންވޭ. އަޅުގަނޑުމެން އެބަ ޖެހޭ މިހާރު ހުރި ގޮންޖެހުންތަކަށް ބަލާލަން. އެގޮތުން އިންފްރާސްޓްރަކްޗާ ޑެވަލޮޕްކޮށް، ކޯޗުންނާއި ޓެކްނިކަލް މީހުން އިތުރުކުރަން ޖެހޭ. މިހެން މި ދެންނެވީ މިހާރު އެތުލީޓުން ކުރިއަރަމުންދާތަން ފެނުނު ނަމަވެސް، އަދި ކޯޗުން ފުރިހަމައަށް ޑިވަލޮޕްވަމުންދާތަން ފެނިގެން ނުދޭ. އިރާދަކުރެއްވިއްޔާ އެމްއޯސީން އެކަމަށް މަސައްކަތްކޮށް، މިހާރަށްވުރެ ނަތީޖާތަކަށް މަސައްކަތް ކުރާނަން. ރީޖަނަލް މުބާރާތަކުން ރަން މެޑަލް ގެނައުމަކީ ވަރަށް މުހިއްމު ކަމެއް. އޮލިމްޕިކްސްގައި އަދި އޮތް ހިސާބުން އެއީ ވާނެ ކަމެއްހެން ހީޔެއް ނުވޭ، އެހެން ނަމަވެސް އެއީވެސް ނުވާނެ ކަމެއް ނޫން،" ސައްތާރު ވިދާޅުވިއެވެ.
އެއާއެކު އެމްއޯސީގެ ރައީސް ސައްތާރު ވަނީ އެސޯސިއޭޝަން ހަރުދަނާވުމަށް ގޮވާލައްވައިފައެވެ.
"އެސޯސިއޭޝަންތައްވެސް ޖެހޭ ހަރުދަނާވާން. މިހާރު ބައެއް އެސޯސިއޭޝަންތައް ދާ މިސްރާބު އެބަ ޖެހޭ ރަނގަޅުކުރަން. ކޯޗުންނާއި އެތުލީޓުންގެ ކުރިއެރުމަށްވެސް އެސޯސިއޭޝަންތައް ހަރުދަނާވަމުންދާން ޖެހޭ. ވަޅު ޖެހެމުންދާ ބައެއް އެސޯސިއޭޝަންތައް އެބަ ޖެހޭ ރަނގަޅު ކުރަން. އެއީ އެ އެސޯސިއޭޝަންތަކުގެ އަސަދު، ކުޅުންތެރިންނާއި އެތުލީޓުންނަށް ކުރާނެތީ،" އޭނާ ވިދާޅުވިއެވެ.
ސައްތާރު އެހެން ވިދާޅުވެފައިވާ އިރު، ދާދިފަހުން ވޮލީބޯޅަ އެސޯސިއޭޝަންވެސް މައްސަލަގަނޑަކަށް ގޮސްފައިވެއެވެ. އަދި ދެމިގެންދާ ގޮތެއްގައި އެތައް ދުވަހެއް ވަންދެން މިހާރު ފުޓުބޯޅަ އެސޯސިއޭޝަންގެ އިދާރާ ހިންގުން ގޯސްވެ، ފީފާއިން އެ މައްސަލައަށް ވަދެފައިވެއެވެ. އަދި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ބޮޑެތި މައްސަލަތަކެއް ބަލަމުންދާ އިރު، އެކްސްކޯއެއް މިވަގުތު ނެތެވެ. އިންތިހާބެއް ބޭއްވޭނެ ވަކި މުއްދަތެއްވެސް ނޭނގެއެވެ.
އޭގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަންގެ އެކްސްކޯގެ މުއްދަތު ހަމަވި އިރުވެސް އިންތިހާބެއް ނުބޭއްވި އޮތް އިރު، އެ އިދާރާގެ ރައީސްކަން ކުރެއްވި މޫސާ ނާޝިދު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެ އެސޯސިއޭޝަން އާއި މޫސައާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތަކެއްވެސް އޭސީސީން ދަނީ ބަލަމުންނެވެ.