މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

"މުޅި ރާއްޖެއަށް ކުޅިވަރު ފުޅާވާން ޖެހޭ، ގާނޫނަށް ގެންނަ އިސްލާހުތައް ވެގެންދާނީ ހެޔޮ ފާލަކަށް"

މުޙައްމަދު ޝަމްޢޫން

މުޅި ރާއްޖެ ޝާމިލްވާނެ ގޮތަކަށް ކުޅިވަރުގެ ކަންކަން ބައްޓަން ކުރެވެން ޖެހޭ ކަމަށާއި ކުޅިވަރު ގާނޫނަށް ގެންނަން މަސައްކަތް ކުރާ އިސްލާހުތަކަކީ އެކަމަށް ވެސް އެޅިގެންދާނެ ހެޔޮ ފާލެއް ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) ވިދާޅުވެއްޖެއެވެ.

ތަމޫ އެހެން ވިދާޅުވީ ރޭ އެމްއޯސީގެ އާއްމު ޖަލްސާއަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. ހެންވޭރު މީރުމާ އިވެންޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަމޫ ފާހަގަކުރެއްވީ ކުޅިވަރު ގާނޫނަށް ގެންނަން މަސައްކަތް ކުރާ އިސްލާހުތަކަކީ މުޅި ކުޅިވަރު ބަދަލުކޮށްލާނެ އިސްލާހުތަކެއް ކަމަށެވެ.

"ކުޅިވަރު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ އެކު މުޅި ސްޕޯޓްސް ފަންކަންޝަނަށް ބޮޑު ބަދަލެއް މި އަންނަނީ. މުޅި ރާއްޖެއަށް ވެސް. އެ ބަދަލާއެކު ކުޅިވަރު ލާމަރުކަޒީވެ، އެކިއެކި ރީޖަނަލް ސްޕޯޓްސް އޮތޯރިޓީތައް ވެސް އުފެދިގެން މި އަންނަނީ. އޭގެ ތެރޭގައި އަޅުގަނޑަށް ގަބޫލު ކުރެވެނީ އެސޯސިއޭޝަންތައް ހިންގުން ހަރުދަނާ ކުރަން އެބަ ލާޒިމްވެސްވެއޭ. އެކަމަކު މަޖުބޫރު ވަނީކީ ނޫން ކޮންމެހެން ގާނޫނަކުން، އެކަމަކު ވެސް ސްޓެޓަސް ހިފަހެއްޓުމުގެ ގޮތުން، ކުޅިވަރު މުޅި ރާއްޖެއަށް ފެތުރިގެންދާން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތަކެއް އެބަހުރި. އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަން، މުޅި ރާއްޖެއަށޭ ކުޅިވަރު ފެތުރިގެން ދާން ޖެހޭނީ،" ތަމޫ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު އޮނިގަނޑު ލާމެހިފައިވާ ނިޒާމަކުން ކުރިއެރުވުމުގެ މަގުސަދުގައި، ކުޅިވަރުގެ އޮނިގަނޑު ހަރުދަނާ ކުރުމަށް ރާއްޖޭގެ ގައުމީ ކުޅިވަރު އޮނިގަނޑުގެ ނަމުގައި މާއްދާއެއް ކުޅިވަރު ގާނޫނަށް އިތުރުކުރުމަށް ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނާފައިވެއެވެ.

އެ މާއްދާގެ މަގުސަދަކީ ސްކޫލުތަކުގައި ކުޅިވަރު ހަރަކާތްތައް ހިންގުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމާއި ކުޅިވަރު ތަރައްގީކުރުމުގައި ސްކޫލުތަކުގެ ދައުރު ފުޅާކޮށް، ސްކޫލުތަކުގައި ހިންގާ ވާދަވެރި ކުޅިވަރު ހަރަކާތްތަކުގެ ފެންވަރު މަތިކުރުން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ތަފާތު މަރުހަލާތަކުގައި ކުޅުންތެރިންނާއި ކޯޗުން، އޮފިޝަލުންގެ އިތުރުން ކުޅިވަރު ހިންގުންތެރިންނަށް ތަރައްގީއަށް ބޭނުންވާ ފުރުސަތު ފަހިކޮށްދީ އެންމެ ހަގު އުމުރުން ފެށިގެން ކުޅުންތެރިންގެ ހުނަރު ފާހަގަކޮށް، އެ ކުޅުންތެރިންގެ ހުނަރު ކުރިއެރުވުމުގެ ހަރަކާތްތައް ކަނޑައެޅޭ މަންހަޖެއްގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ހިންގުން ވެސް އެއީ އެ މާއްދާގެ މަގުސަދެކެވެ. އަދި ސްކޫލު ދައުރު ނިމި، ގައުމީ ކުޅިވަރު ފެށުމާ ދެމެދު ހިނގާ މުއްދަތު ހަރުދަނާ ނިޒާމަކުން ގުޅި ލާމެހުން ވެސް އެއީ އެ މާއްދާގެ ބޭނުމެއް ކަމަށް ބުނެފައިވެއެވެ.

ތަމޫ ފާހަގަކުރެއްވި ގޮތުގައި އާ ކުޅިވަރު ގާނޫނު ވެގެންދާނީ އެސޯސިއޭޝަންތަކަށް ހެޔޮ ފާލަކަށް ކަމަށާއި "ގަވަނަންސް" ރަނގަޅުކުރެވުން އެއީ އެއްކަމެއްގެ އިތުރުން ސްކޫލްތަކުގެ ކުޅިވަރު ހަރަކާތްތައް ހިންގަންވާނެ ގޮތުގެ ތަފްސީލު ފަދަ ކަންކަން ގާނޫނުގައި ލިޔެވިފައި އޮތުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

ކުޅިވަރު ގާނޫނުގެ އިސްލާ ގުޅޭ ގޮތުން އެމްއޯސީގެ ރައީސް، މުހައްމަދު އަބްދުލް ސައްތާރު ވިދާޅުވީ އާ ގާނޫނު ތަންފީޒުކުރަން ފެށުމާއެކު ރަނގަޅު ކަންތައްތަކެއް ފެނިގެންދާނެ ކަމަށެވެ.

"މިހާރު ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރެވެމުން، ވަރަށް ބޮޑު ރަނގަޅު ކަންތައްތަކެއް ފެނިގެންދާނެ. ހާއްސަކޮށް އެޑްމިނިސްޓްރޭވްލީ އެސޯސިއޭޝަންތައް ބައްޓަން ކުރެވިގެންދާނެ ގޮތްވެސް ފެނިގެންދާނެ. އޭގެ ތެރޭގައި އާރް 13 (ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއިދު) އަކީ ވަރަށް މުހިއްމު ކޮމްޕޮނެންޓަކަށް ވާނެ. އެ އިޖުރާއަތްތައްވެސް ފުރިހަމަ ކުރެވިގެން ކަންކަން ރަނގަޅު ކުރެވިގެންދާނެ،" ސައްތާރު ފާހަގަކުރެއްވިއެވެ.

ތަމޫ ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މިވަގުތު ކުޅިވަރު ގާނޫނަށް މަޝްވަރާ ކުރަމުންދާ އިރު، މަޖިލީހުގެ ތަޅުމަށް އިސްލާހުތައް ހުށަހެޅުމުގެ ކުރިން ބިލަށް ހިޔާލު ހޯދަން އިތުރު މަހާސިންތާ އެކު އެސޯސިއޭޝަންތަކާ އެކު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ތާވަލުކުރެއްވުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ.