ސައުތު އޭޝިއަން ގޭމްސް

ޕާކިސްތާން އޮލިމްޕިކް އެސޯސިއޭޝަންގެ އާ ރައީސްގެ ބޮޑު ފޯކަހެއް ސައުތު އޭޝިއަން ގޭމްސްއަށް

މުޙައްމަދު ޝަމްޢޫން

ޕާކިސްތާނުގައި ބާއްވަން ތައްޔާރުވަމުން އަންނަ ސައުތު އޭޝިއަން ގޭމްސްއަކީ މިއަހަރުގެ ކަލަންޑަރުގެ އެންމެ މުހިއްމު އިވެންޓް ކަމަށާއި، އެ ގޭމްސް ކާމިޔާބުކަމާއެކު ހޯސްޓް ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެގައުމުގެ އޮލިމްޕިކް އެސޯސިއޭޝަނަށް ދާދިފަހުން އިންތިހާބުވި އާރިފް ސައީދު ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގައި ބާއްވަން ނިންމާފައިވާ 14 ވަނަ ސައުތު އޭޝިއަން ގޭމްސް އެކިއެކި ފަހަރުމަތިން މިހާރު ވަނީ ފަސްކޮށްފައެވެ. އެ ގޭމްސްއަކީ ފުރަތަމަ 2021 ވަނަ އަހަރު ބާއްވަން މަސައްކަތް ކުރި ގޭމްސްއެކެވެ. ކޮވިޑާ ގުޅިގެން އެފަހަރު ގޭމްސް ކެންސަލްކޮށް، މިފަހުން ޕާކިސްތާނުގެ އޮލިމްޕިކް އެސޯސިއޭޝަނުން މަސައްކަތް ކުރީ މިދިޔަ އަހަރު މާޗު މަހު ގޭމްސް ބޭއްވުމަށެވެ.

އެހެން ނަމަވެސް، ގޭމްސްގެ ކުޅިވަރު އިވެންޓްތައް ބާއްވާ ތަންތަނާއި ގޭމްސް ބާއްވާނެ ތާރީހު ފައިނަލް ނުކުރެވި މުބާރާތް އަނެއްކާ ލަސްކުރިއެވެ. އެއީ މިއަހަރުގެ ކުރީކޮޅަށެވެ. އެފަހުންވެސް ފައިސާގެ މައްސަލަތައް ދިމާވެ މިއަހަރު ފެބްރުއަރީގައިވެސް ގޭމްސް ނުބޭއްވޭނެކަމަށް އިއުލާނުކޮށް، މިހާރު ގޭމްސް ބާއްވަން ނިންމާފައި ވަނީ މިއަހަރު ނޮވެމްބަރު ގައެވެ.

ދިގުލައިގެން ގޮސްފައިވާ ގޭމްސްގެ ކަންކަމަށް ވާހަކަ ދައްކަވަމުން، އާދީއްތަ ދުވަހު އޮލިމްޕިކް އެސޯސިއޭޝަންގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވި ސައީދު ވިދާޅުވީ ސަރުކާރާ ގުޅިގެން، ދެފުށް ފެންނަ ގޮތަކަށް ސައުތު އޭޝިއަން ގޭމްސް، ކަނޑައެޅިފައިވާ ތާރީހަށް ބޭއްވުމަކީ އޭނާގެ އެންމެ މުހިއްމު އެއް ޓާގެޓް ކަމަށެވެ. އަދި އެކަމަށް ނުކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށްވެސް ސައީދު ފާހަގަކުރެއްވިއެވެ.

ސައުތު އޭޝިއަން ގޭމްސްގެ ކަންތަކުގައި ޕާކިސްތާނު ސަރުކާރާއި އެގައުމުގެ އޮލިޕިކް އެސޯސިއޭޝަނަށް ކުރީން ފައިނަލް ނުކުރެވި އޮތީ ހަރަދުކުރާނެ ގޮތާއި ގޭމްސް ބާއްވަން ހޭދަވާނެ ފައިސާގެ ތަފްސީލުތަކެވެ. އެގޮތުން ގޭމްސް ހޯސްޓް ކުރުމަށް އޮލިމްޕިކް އެސޯސިއޭޝަނަށް ބޭނުންވާނެ ކަމަށް ހުށަހަޅާފައިވާ 400 މިލިއަން ރުޕީސްގެ ބަޖެޓަށް ސަރުކާރުގެ އިކޮނޮމިކް ކޯޑިނޭޝަން ކޮމިޓީ (އީސީސީ) އިން އެއްބަސްވެފައެއް ނުވެއެވެ.

އީސީސީން ބުނީ އޮލިމްޕިކް އެސޯސިއޭޝަނުން ހުށަހަޅާފައިވާ ބަޖެޓްގައި ހިސާބުތަކުގެ ތަފްސީލު، އަދަދުތަކުން ދެއްކިފައި ނުވާ ކަމަށާއި، ތަފްސީލުތައްވެސް ހިމަނާފައި ނުވާ ކަމަށެވެ. އަދި އޮލިމްޕިކް އެސޯސިއޭޝަނުގެ ތެރޭގައި ކޮރަޕްޝަންގެ ބައެއް ކަންކަން ހިނގަމުންދާ ކަމަށްވެސް އީސީސީން ވަނީ ތުހުމަތު ކޮށްފައެވެ.

އިސްލާމްއާބާދާއި ލާހޯރުގައި ގޭމްސްގެ އިވެންޓްތައް ބާއްވަން ނިންމާފައިވާ އިރު، އިންޓަ-ޕްރޮވިންޝިއަލް ކޯޑިނޭޝަން ޑިވިޝަނުން އޮލިމްޕިކް އެސޯސިއޭޝަންގެ ކިބައިން އެދިފައި ވަނީ އަމިއްލަ ވިޔަފާރިތަކުގެ އިތުރުން އިޝްތިހާރު ވިއްކައިގެން އިތުރު ފައިސާ ހޯދަން މަސައްކަތް ކުރުމަށެވެ. އެކަމުގައި ޕަންޖާބުގެ ސްޓޭޓް ސަރުކާރުން ހަރަދުކުރަން އެއްބަސް ކުރުވަންވެސް އެދިފައިވެއެވެ.

ޕާކިސްތާން އޮލިމްޕިކް އެސޯސިއޭޝަންގެ ރައީސްކަމުގައި މިދިޔަ ދެ ދައުރު ހުރި އާރިފް ހުސައިން މަގާމުން ދުރަށް ޖެހިލީ ސިއްހީ ހާލަތު ތަން ނުދޭތީއެވެ. އާ ރައީސް ސައީދު އިންތިހާބުވީ ވާދަވެރިޔަކު ނެތިއެވެ.