އެކަށީގެންވާ ކުޅިވަރު ވަސީލަތްތައް ނެތުމަކީ ރާއްޖޭގެ ކުޅިވަރަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށާއި ވަސީލަތްތައް ތަރައްގީ ކުރުމުގައި ތަފާތު ދައްކާނެ އަހަރަކަށް މިއަހަރު ހަދައިދޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ރާފިއު އެހެން ވިދާޅުވީ ރޭ ހެންވޭރު މީރުމާ އިވެންޓްސްގައި ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ އަހަރީ އާއްމު ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެންމެ ބޮޑު ގޮންޖެހުމަކީ ފެންވަރު ރަނގަޅު ވަސީލަތްތަކެއް ނެތުން ކަމަށާއި އެކަމުގައި ތަފާތު ދައްކާނެ އަހަރަކަށް މިއަހަރު ހަދައިދޭނެކަމުގެ ޔަގީންކަން ހުރިހާ އެސޯސިއޭޝަނަކަށް ދެއްވާ ކަމަށެވެ.
"ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ ފެންވަރު ރަނގަޅު ވަސީލަތްތައް ގާއިމުކުރުމުގައި ސަރުކާރުން ތަފާތު ދައްކާނެ އަހަރަކަށް މިއަހަރު ހަދައިދޭނެކަމުގެ ޔަގީންކަން ހުރިހާ އެސޯސިއޭޝަންތަކަށް އަރުވަން. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު، ކުޅިވަރުތަކަށް އެކަށީގެންވާ ވަސީލަތްތަކާއެކު ރަނގަޅު ފަންނީ މީހުންގެ ލަފަ އާއި އިރުޝާދު ލިބޭނެ މަގުވެސް ސަރުކާރުން ފަހިކޮށްދޭނެ އަހަރަކަށް މިއަހަރު ވާނެ،" ރާފިއު ރޭ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ވަސީލަތްތައް ތަރައްގީ ކުރުމުގައި އެސޯސިއޭޝަންތަކަށް ހަމަހަމަ ފުރުސަތު ފޯރުކޮށްދެއްވާނެ ކަމަށާއި މިއަހަރު މަސައްކަތް ފަށަން ބަޖެޓްކޮށްފައިވާ ހައި ޕާފޮމަންސް ސެންޓަރަކީ ކުޅިވަރުގެ އެންމެ މަތީ ފަންތީގެ ކާމިޔާބީ ހޯދުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
ހައި ޕާފޮމަންސް ސެންޓަރުގެ މަސައްކަތް ފެށުމަށް ބޭނުންވަ ތަފުސީލުތައް ފާހަގަކޮށް، ކޮންސެޕްޓް ޕޭޕާ މިހާރު އެކުލަވާލެވިފައިވާ ކަމަށްވެސް މިނިސްޓަރު ރާފިއު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރަކީ އެމްއޯސީގެ ވެސް އަދި ރާއްޖޭގެ ކުޅިވަރަށް ވެސް ޖުމުލަކޮށް ކާމިޔާބު އަހަރެއް ކަމަށާއި އުންމީދަކީ ސަރުކާރާއި އެމްސީގެ އިތުރުން އެހެނިހެން ކުޅިވަރު އިދާރާތައް ވެސް ގުޅިގެން އިތުރަށް ކުޅިވަރު ކުރިއަރުވަން މަސައްކަތް ކުރުން ކަމަށެވެ. އަދި އިތުރު ފުރުސަތުތަކަށް އަބަދު ވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.