ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު

"ގްރޫޕްތަކަށް" ދީފައި އޮންނަ ދަނޑުތަކުން ލިބޭ ފައިސާ ކުޅިވަރު ފަންޑަށް ނަގަނީ!

މާލޭގެ އެކިއެކި ގްރޫޕުތަކަށް، ނުވަތަ ހިސާބުތަކަށް ދީފައި އޮންނަ ފުޓްސަލް ދަނޑުތަކުން ލިބޭ ފައިސާ، ކުޅިވަރު ތަރައްގީ ކުރުމަށް އެކުލަވާލާ، ކުޅިވަރު ފަންޑަށް ނަގަން މަޝްވަރާ ކޮށްފައިވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ރާފިއު އެހެން ވިދާޅުވީ ކުޅިވަރު ގާނޫނަށް ގެންނަ އިސްލާހުތައް ދިރާސާ ކުރުމަށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން، ކޮމިޓީގެ ނައިބު މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުސްތަފާ އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މުސްތަފާ މިނިސްޓަރާ ސުވާލުކުރެއްވީ މާލޭގައި ހަދާފައި ހުރި ފުޓްސަލް ދަނޑުތައް ދޫކުރެވިފައި ހުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. މުސްތަފާ ވިދާޅުވީ މިހާރު މި އޮންނަނީ ބުރަށް އޮންނަ ދަނޑަކާއި ޓީނޭޖަށް އޮންނަ ދަނޑަކާއި ކްލަބު ޕީކޭއަށާއި ބޮސްނިއާއަށާއި ކުޑަ ހެންވޭރަށް އޮންނަ ދަނޑުތަކެއް ކަމަށެވެ. އަދި އެހެން ހުންނަ ގްރޫޕްތަކަށް ދޫކުރެވިފައިވާ ދަނޑުތަކުން، އެ ގްރޫޕަކުން ގަޑިއިރަކަށް 500 އެއްހާ ރުފިޔާ ނަގާ ކަމަށާއި އެއީ އެންމެ ރަނގަޅުގޮތަށް ކުރިއަށް ގެންދާ ކަންތައްތަކެއްތޯ މުސްތަފާ އެއްސެވިއެވެ.

"އަޅުގަނޑުވެސް ކަންބޮޑުވާ ކަމެއް އެގޮތަށް ވަކި އުސޫލެއް ކަނޑަނޭޅި ދަނޑުތައް ދީފައި އޮތުން. އެއީ ކުރީ ސަރުކާރުތަކުން ވާރުތަވެގެން އަޅުގަނޑުމެންނާ ހަމައަށް އައިސްފައި މިއޮތީ. ބައެއް ދަނޑުތައް ދެވިފައި ވަނީ ސިޓީއެއްގެ ޒަރިއްޔާއިން އަނެއް ބައި ދަނޑުތައް ކޮންމެވެސް އަންޑަސްޓޭންޑިންނެއްގެ ދަށުން ދެވިފައި މި އޮންނަނީ. އެކަމުގައި އެއްވެސް ކޮންސިސްޓެންސީ (އުސޫލެއް) ނެތް،" މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.

"އެކަން ރަނގަޅު ކުރުމަށްޓަކައި މަޝްވަރާ ވާނީ ކޮށްފައި. މިހާރުވެސް މިނިސްޓްރީގެ ހުރި ވަސީލަތްތައްކުގެ ވެސް ފައިސާ ދަނީ ސަރުކާރަށް. އެހެންވެސް ވެގެން އެކަމަށް މަސައްކަތްކޮށް، ކެބިނެޓްގައި ވެސް މަޝްވަރާ ކުރެވިފައި ވަނީ. އެއީ ދަނޑުތަކުން ލިބޭ އާއްމުދަނީ ކުޅިވަރުގެ ފަންޑަށް ލިބޭ ގޮތަށް ތަރުތީބުވެގެން އަންނާނެ ގޮތަކަށް މަސައްކަތް ކުރަން. ދަނޑުތަކުގެ ކަންތަކުގައި އަޅުގަނޑު އުންމީދު ކުރީ އެބޭފުޅުންނާ (ގްރޫޕްތަކާ) ވާހަކަ ދައްކައިގެން ކޮންމެ ވެސް ކަހަލަ އަންޑަސްޓޭންޑިންނަކަށް ގެނައުމަށް. ކަރުދާހަށް އެއްބަސްވުމެއް ގެނައުން،" ރާފިއު ކޮމިޓީ ބައްދަލުވުމުގައި މިއަދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދަނޑުތައް ބޭނުންކުރާ ފަރާތްތަކުން ވެސް ކުޅިވަރު ކުރިއެރުމަށް ބޭނުންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ ދަނޑުތަކުން ލިބޭ ފައިސާއަކީ ޖުމުލަކޮށް މުޅި މުޖުތަމަށް ބޭނުން ކުރެވޭނެ ފައިސާއަކަށް ވާން ޖެހޭ ކަމަށެވެ.

މިނިސްޓަރު ރާފިއު ފާހަގަކުރެއްވީ އެއްބަސްވުމަކަށް ދާއިރު، އެ ދަނޑުތައް އާއްމުކޮށް ބޭނުންކުރާ ފަރާތްތަކުގެ އިތުރުން އެންމެންނަށް ވެސް ދަނޑު ބޭނުން ކުރެވޭ ގޮތަކަށް މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށާއި ދުވަސްވީ މައްސަލައަކަށް އެ މައްސަލަވެފައި އޮތުމުން، އެކަމުގައި މަޝްވަރާތައް ކުރަން ޖެހޭ ކަމަށެވެ. އަދި ދަނޑުތަކުގެ ކަންތަކުގައި "ކޮމަން އެގްރީމެންޓް" އަކަށް ގޮސް ކަންކަން ރަނގަޅަށް ބެލޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ރާފިއު ވިދާޅުވިއެވެ.

ކުޅިވަރު ފަންޑަށް ހާއްސަކޮށް ގާނޫނީ މާއްދާއެއް އިތުރުކުރަން މިހާރު ހުށަހަޅާފައިވާ ކުޅިވަރު ގާނޫނުގެ އިސްލާހުގައިވެއެވެ. އެގޮތުން ގާނޫނު އިސްލާހުކުރާތާ 60 ދުވަހުގެ ތެރޭގައި ކުޅިވަރު ފަންޑެއް އެކުލަވާލަން ޖެހޭނެ ކަމަށް ގާނޫނުން ލާޒިމުކުރަން ބިލުގައި ހިމަނާފައިވާ އިރު، އެ ފަންޑުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ފަސޭހަކަމާ އެކު ދިވެހިރާއްޖޭގެ ކުޅިވަރަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި ރާއްޖޭގެ ކުޅިވަރަށް ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް އެކުލަވާލުމާ އެކު، ކުޅިވަރުގެ ގާބިލުކަން އިތުރުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް އިންވެސްޓުކޮށް، މަޝްރޫއުތައް ހިންގާ އަމިއްލަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ގާނޫނު ހުއްދުކުރާ ގޮތަކަށް ކުޅިވަރުގެ ފައިސާ ހަރަދުކުރުމެވެ.