މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އެމްއޯސީން އެސޯސިއޭޝަންތައް އޮޑިޓް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެނީ

މުޙައްމަދު ޝަމްޢޫން

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ކުޅިވަރު އެސޯސިއޭޝަންތައް އަހަރުން އަހަރަށް އޮޑިޓް ކުރުމުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭން މިއަހަރު ފަށާނެ ކަމަށް ރައީސް މުހައްމަދު އަބްދުލް ސައްތާރު (ޗަމްޕި) ވިދާޅުވެއްޖެއެވެ.

އެމްއޯސީން އެ އިދާރާގެ އަހަރީ އާއްމު ބައްދަލުވުން ރޭ ބާއްވާފައިވާ އިރު، ކުރިއަށް އޮތް އަހަރަށް 60 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ. އާއްމު ޖަލްސާ ފެށުމުގެ ގޮތުން ބޭއްވި ހާއްސަ އިވެންޓްގައި މިދިޔަ އަހަރުގެ ކާމިޔާބީތަކަށް ވެސް ރައީސް ސައްތާރުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އިރު، މިއަހަރު ކުރަން ހުރި މަސައްކަތްތަކަ ށްވެސް ވާހަކަ ދައްކަވާފައިވެއެވެ.

އެގޮތުން މިއަހަރު ކުރާ އެއް ކަމަކީ އެސޯސިއޭޝަންތަކަށް އޮޑިޓްގެ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ސައްތާރު ވިދާޅުވިއެވެ.

"އެމްއޯސީން އެސޯސިއޭޝަންތަކަށް އޮޑިޓްގެ އެހީތެރިކަން މިއަހަރު ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމާފައި. މިފަދަ ކަންކަމަކީ ބައިނަލްއަގުވާމީ ފެންވަރަށް އެސޯސިއޭޝަންތައް ފެތޭނެކަން ކަށަވަރު ކުރެވި، އެސޯސިއޭޝަންތަކުގެ ދެފުށް ފެންނާނެކަން ކަށަވަރު ކުރުމަށް ކުރެވޭނެ ކަމެއް. އަޅުގަނޑުމެން އެމްއޯސީގެ އޮޑިޓް، އިރާދަކުރެއްވިއްޔާ ޖެނުއަރީގެ ދެވަނަ ހަފުތާ ތެރޭގައި ވަނީ ނިންމާފައި. މީގެން އަޅުގަނޑުމެން ދައްކުވައިދޭން ބޭނުންވަނީ އެސޯސިއޭޝަންތަކަށްވެސް އެކަންކުރެވިދާނެކަން،" ސައްތާރު ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރު ވެސް ބައެއް އެސޯސިއޭޝަންތަކަށް އިދާރާ ބޮޑެތި މައްސަލަތައް ކުރިމަތިވެ، މާލީ ކަންކަމުގައި ބޮޑެތި މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އެގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ބެޑްމިންޓަން އެސޯސިއޭޝަންގެ މާލީ މައްސަލަތައް ފެންމަތިވެ، އޭސީސީ އާއި ފުލުހުން އެ އެސޯސިއޭޝަންތައް ހިންގާ އޮފީސްތަކަށް ވަންނަ ހިސާބަށް ގޮސްފައިވާ އިރު، އޭގެ ކުރިން ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)ގެ އޮޑިޓް ނުކުރާ މައްސަލަތައް ވެސް އޮތީ ބޮޑުވެފައެވެ.

ރޭގެ ފެށުމުގެ ރަސްމިއްޔާތުގެ އިތުރުން އާއްމު ޖަލްސާއަށްފަހު ޕްރެސްގައި ވެސް ސައްތާރު ވަނީ އޮޑިޓް އެހީތެރިކަމާ ގުޅިގެން އިތުރަށް ވާހަކަ ދައްކަވައިފައެވެ.

"އިންޓަނޭޝަނަލީ، ހުރިހާ ޕޭރެންޓް ބޮޑީސްތައް ބޭނުންވޭ ކޮންމެ އެސޯސިއޭޝަނުގެ ވެސް މާލީ ހިސާބުތައް އަހަރުން އަހަރަށް ނިންމަން. އެއާއެކު އެސޯސިއޭޝަންތަކުން ވެސް އެބަ ދައްކަން ޖެހޭ އެބޭފުޅުންގެ މެމްބަރު ކްލަބުތަކަށް ދެފުށް ފެންނާނެ ގޮތަކަށް ކަންކަން ކުރާކަން. ދެން އޮޑިޓަކީ އަހަރު ތެރޭގައި ކުރަން ޖެހޭ ކަމެއް ކޮމިޝަނާ ވެސް ނިންމާފައި އޮންނަނީ. މިހާރު ބައެއް އެސޯސިއޭޝަންތަކުގެ މައްސަލަތައް އެބަހުރި، އެހެންވީމަ އެކަންކަން ދިމާނުވާނެ ގޮތަށް ކަންކަން ބައްޓަން ކުރައްވަން މަސައްކަތް މި ކުރައްވަނީ،" ސައްތާރު ފާހަގަކުރެއްވިއެވެ.