ނިމިގެންދިޔަ މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާގައި ބައިވެރިވި މީހުންގެ ނަމާއި ފޮޓޯ، އެގައުމުގެ ސަލާމަތީ ބާރުތަކުން އާންމުކޮށްފިއެވެ.
ލަންކާގެ ސަލާމަތީ ބާރުތަކުން އާންމުކޮށްފައިވަނީ ޖާނުން ފިދާވުމުގެ އަށް ހަމަލާގައި ބައިވެރިވި ނުވަ މީހުންގެ ނަމާއި ފޮޓޯއެވެ.
ކޮއްޗިގަޑޭގައި ހުންނަ ސެއިންޓް އެންތޮނީ ޝްރައިންއަށް ހަމަލާ ދީފައިވަނީ އަލަހުއްދީން އަހްމަދު މުއާދެވެ. ކަޓުވަޕިޓިޔާގައި ހުންނަ ސެއިންޓް ސަބެސްޓިއަން ޗާޗަށް ހަމަލާ ދިނުމުގައި ބައިވެރިވެފައިވަނީ މުހައްމަދު މުހައްމަދު ހަސްތުންއެވެ.
ސަބެސްޓިއަން ޗާޗަށް ހަމަލާ ދިން މުހައްމަދު މުހައްމަދު ހަސްތުންގެ އަނބިމީހާ ކަމަށް ބެލެވޭ ސާރާ މަރުވެފައިވަނީ ސައިންތަމަރަތޫގައި ދިން ބޮމުގެ ހަމަލާގައެވެ. އޭނާއަކީ ހަމަލާއަށް ފަހު، ސީއައިޑީ އިންވެސް ހޯދަމުންދާ މީހެކެވެ.
ކޮލަމްބޯގައި ހުންނަ ކިންގްސްބަރީ ހޮޓަލަށް މުހައްމަދު އަޒަމް މުހައްމަދު މުބާރަކް ހަމަލާދީފައިވާ އިރު، ކޮލަމްބޯގައި ހުންނަ ޝަންގްރިއްލާ ހޮޓަލަށް ހަމަލާދީފައިވަނީ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖީ)ގެ ލީޑަރު މުހައްމަދު ހާޝިމް މުހައްމަދު ޒަހަރާނާއި މުހައްމަދު އިބްރާހިމް އިލްހާމް އަހުމަދެވެ.
ސައިތަމަރަތޫގައި ދިން ހަމަލާގައި ތައުހީދު ޖަމާއަތުގެ ލީޑަރު ޒަހަރާންގެ އަނބިމީހާ އާއި އޭނާގެ އަންހެން ދަރިއަށް ވެސް ވަނީ އަނިޔާވެފައެވެ. އެ ހަމަލާގައި ޖުމްލަ 16 މީހުން މަރުވިއެވެ. މަރުވި މީހުންގެ ތެރޭގައި ޒަހަރާންގެ ބައްޕައާއި އޭނާގެ ދެބެއިން ކަމަށްވާ ރިލްވާނާއި ޝެއިނީ ވެސް ހިމެނެއެވެ.
ބަޓިކަލޯގައި ހުންނަ ޒިއޯން ޗާޗަށް ހަމަލާ ދިނީ މުހައްމަދު ނަސަރު މުހައްމަދު އަސަދެވެ. އަދި ކޮލަމްބޯގައި ހުންނަ ސިނަމޮން ގްރޭންޑަށް ހަމަލާ ދިނީ ވެލަމްޕިޓިޔާގެ ރަތުލޯ ފެކްޓަރީއެއްގެ ވެރިޔާ މުހައްމަދު އިބްރާހިމް އިންޝަފް އަހުމަދެވެ. އިންޝަފްގެ އަނބިމީހާ މިހާރު ހުރީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައެވެ.
ޓްރޮފިކަލް އިން ދެހިވަލާއަށް އަބްދުލް ލަތީފް ޖަމީލް މުހައްމަދު ހަމަލާދީފައިވާ އިރު، ޑެމަޓަގޮޑާގައި ހުންނަ މަހަވިލާ ގާޑަންއަށް ހަމަލާދީފައިވަނީ ޝަންގްރިއްލާ ހޮޓަލަށް ހަމަލާ ދިން އިލްހާމް އަހުމަދުގެ އަނބިމީހާ ފާތިމާ އިލްހާމެވެ.