މުހައްމަދު އައުޒަމް
އަރަބި ބަހުން ލިޔެފައި ހުންނަ ނަންބޯޑުތައް ނެގުމަށް ލަންކާއިން ސާކިއުލާއެއް ނެރެން ނިންމައިފިއެވެ.
ސްރީލަންކާގެ ޕަބްލިކް އަދި ޕްރައިވެޓް ތަންތަނުގައި އަރަބި ބަހުން ލިޔެފައި ހުންނަ ބޯޑުތަކާއި ލިޔުންތައް ވަގުތުން ނެގުމަށް އަންގައި ސާކިއުލާއެއް ނެރެން ލަންކާ ސަރުކާރުން ނިންމާފައި ވާކަމަށް އެގައުމުގެ ހޯމް މިނިސްޓަރު ވަޖިރާ އަބޭވަރްދަނާ ވަނީ އިއުލާން ކުރައްވައިފައެވެ.
ދާދިފަހުން ލަންކާގެ ބޮޑުވަޒީރު ވަނީ ލަންކާގެ މަގުމަތީ ބޯޑުތަކުގެ ލިޔުންތައް ހުންނަން ޖެހޭނީ ހަމައެކަނި ސިންގަޅަ، ތަމަޅަ އަދި އިނގިރޭސިބަހުން ކަމަށް ބުނެފައެވެ.
މިދިޔަމަހު ލަންކާގެ އެކި ސަރަހައްދުތަކުގައި ދީފައިވާ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެގައުމުގައި ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ. ލަންކާގައި ދިން ހަމަލާގެ ފަހަތުގައި އިސްލާމިކް ސްޓޭޓް އޮތުމުން އެކަމުގެ ރުޅީގައި ލަންކާގައި ދިރިއުޅޭ މުސްލިމުންނަށް ހަމަލާދިނުން ވަނީ އާންމުވެފައެވެ.