ލަންކާގައި މިދިޔަ އަހަރުގެ އޭޕްރިލް މަހު ދިން ޓެރަރިސްޓް ހަމަލާގައި އެއްވެސް ދިވެއްސަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
ފުލުހުން އެހެން ބުނީ، ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން މިހާތަނަށް 216 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހަތަރު ދިވެހިން ވެސް ހިމެނޭ ކަމަށް ލަންކާ ޕޮލިސް ލީގަލް ޑިވިޝަންގެ ވެރިޔާ ޑެޕިއުޓީ އިންސްޕެކްޓާ އޮފް ޕޮލިސް އަޖިތް ރޮހާނާއާ ހަވާލާދީ ލަންކާގެ ނޫހެއް ކަމަށްވާ ނިއުސް ފަސްޓުގައި ބުނެފައި ވަނިކޮށެވެ.
އަޖިތް ރޮހާނާއާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ، އެ ހަތަރު ދިވެހިން ހައްޔަރުކުރީ އެ ހަމަލާއަށް ހިތްވަރު ދިނުމުގެ ތުހުމަތުގައި ކަމަށެވެ. ނަމަވެސް އެމީހުން ހައްޔަރުކުރީ ކޮންތަނަކުން ކޮން ދުވަހަކު ކަމެއް އަދި އެމީހުން މިވަގުތު ވެސް ތިބީ ހައްޔަރުގައި ކަމެއް ވިދާޅެއް ނުވެއެވެ.
އެކަމާއި ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މިއަދު ލަންކާގައި އެއްވެސް ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމެއް ލަންކާގެ ކަމާބެހޭ އިދާރާތަކުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
އޭގެ އިތުރުން ލަންކާގައި ދިން ޓެރަރިސްޓް ހަމަލާގައި އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް އޮތްކަން މިހާތަނަށް ލަންކާގެ އެއްވެސް ކަމާބެހޭ އިދާރާއަކުން ފުލުހުންނަށް ކަށަވަރު ކޮށްދީފައިނުވާ ކަމަށް ބަޔާނުގައިވެއެވެ.
ފުލުހުން ބުނީ، ޓެރަރިޒަމާ ދެކޮޅަށްކުރާ މަސައްކަތްތަކުގައި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅުންހުރި އެހެން މުއައްސަސާތަކާއި ގުޅިގެން ގައުމީ ފެންވަރުގައާއި ބައިނަލްއަގްވާމީ ފެންވަރުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެ މުއައްސަސާއިން ކުރަމުންދާނެކަމުގެ ޔަގީންކަން ދިވެހިންނަށް އަރުވާ ކަމަށެވެ.