ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށްފިއެވެ.
ޝަމްއާން ހައްޔަރުކުރިކަން ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" މިރޭ ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. އޮފިޝަލް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން މިރޭގެ ވަގުތެއްގައި ޝަމްއާން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެގެ ވަގުތެއްގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކުރައްވައިފައެވެ.
ޝަމްއާން ވަކިކުރި މައްސަލައާ ގުޅޭގޮތުން ފުލުހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. މައްސަލައާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ޝައްމާން ދިރިއުޅޭ ގެ ވެސް ބަލައި ފާސްކޮށްފައެވެ. އަދި އެތަނުން ބައެއް ސާމާނުވެސް ގެންގޮސްފައިވާ ކަމަށް އެނގިފައިވެއެވެ.
މުއުތަބަރު މަސްދަރަކުން "ވަން" އަށް އެނގިފައިވާ ގޮތުގައި، ޝައްމާންގެ މައްޗަށް ތުހުމަތު ކުރަނީ، އިމިގްރޭޝަނުން ބަންދުކުރާ ބިދޭސީން ހައްޔަރުން ދޫކޮށްލުމުގެ އަގެއްގެ ގޮތުގައި ފައިސާ ނަގާފައިވާ ކަމުގެ ތުހުމަތެވެ. އެ ކަމުގެ އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށް ވެސް "ވަން" އަށް މައުލޫމާތު ދިން މަސްދަރުން ބުންޏެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ "އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ މިރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި،" ކަމަށެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ހިންގާ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ޑިޓެއިންކުރުމުގެ ޒިންމާ އާއްމުކޮށް އާދަކުރަމުންދާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމެންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ބިދޭސީން ދިރިއުޅެމުންދާ ތަން ބަލައިފާސްކޮށް ހަދައިފައިވާކަން އެނގިފައިވާ ކަަމަށެވެ.
"އެ ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ގެންގޮސްފައިވެއެވެ. އަދި އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާކަން ތަހުގީގަށް އެނގިފައިވެއެވެ..،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
"މީގެ އިތުރުން، އިސްވެ ދެންނެވުނު ގެ ބަލައި ފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަން މުވައްޒަފުން ޑިޓެންޝަނުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތަކެއް ހޯދައި އެ ފައިސާތައް ހިފައިގެން، 2025 މާޗު 21 ވަނަ ދުވަހާ ހަމައަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމު އަދާކުރަމުން ދިޔަ މުހައްމަދު ޝަމްއާން ވަހީދު ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ވެސް ތަހުގީގަށް އެނގިފައިވެއެވެ..،"
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަސް މީހުން ހުއްޓުވައި ބަލައިފާސްކޮށް އެ މީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ޝަމްއާން ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމަށް ދަށަށް ގެންގޮސްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
ކޯޓު އަމުރެއްގެ ދަށުން މި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.