ލަންކާގައި އިތުރު ހަމަލާތަކެއް ދިނުމަށް ރާވައިފައިވާކަން ހާމަވެއްޖެކަމަށް އެގައުމުގެ ސީއައިޑީން ބުނެފިއެވެ.
ލަންކާގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު ދީފައިވާ ޓެރަރިސްޓް ހަަމަލާ ދިނުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި އެތައްބަޔަކު ހައްޔަރުކޮށް ފުލުހުން ވަނީ ބޮޑު ތަހުގީގެއް ހިންގައިފައެވެ. ލަންކާގެ ފުލުހުން ހިންގި ތަހުގީގުގައި އެގައުމުގައި ހަމަލާދިނުމުގައި ބައިވެރިވި ޖަމާއަތުން ދެވަނަ ހަމަލާއެއް ދިނުމަށް ރާވައިފައިވާކަމަށް ވަނީ ހާމަވެފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ލަންކާގެ ފުލުހުންގެ ތަރުޖަމާނު އެސްޕީ ޖަލިޔަ ސެނަރަތުނެ ވިދާޅުވީ ތަހުގީގުން ހާމަވެފައިވާ ގޮތުގައި ހައްޔަރުކޮށްފައިވާ މީހުން ދިޔައީ އިސްލާމްދީނުގެ ނަމުގައި ހަރުކަށި ފިކުރު ލަންކާގެ ޒުވާނުންގެ މެދުގައި ފެތުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
ތަރުޖަމާނު ވިދާޅުވީ މިދިޔަ ފަހަރުގެ ހަމަލާގައި އެންމެ އިސްކޮށް ހުރި މީހާ ޒަހްރާން ހާޝިމީ ވަނީ ނެޝަނަލް ތަވްހީދު ޖަމާއަތް ދެބަޔަކަށް ބަހާލައި އެގައުމުގެ އިންޓަލިޖެންސަށް އޮޅުވާލުމަށް މަސައްކަތް ކޮށްފައި ކަމަށެވެ. އެކަން ތަހުގީގަށް އެނގިފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
ތަރުޖަމާނު ވަނީ ލަންކާގައި ހަމަލާ ދިނުމަށްފަހު ފިލައިގެން އެހެން ގަމުތަކަށް ގޮސް ރެފިއުޖީން ގޮތުގައި އުޅުމަށް އެކި ޖަމާއަތްތަކާ ގުޅިގެން ކަންކަން ހަމަޖައްސާފައިވާކަން ވެސް ތަހުގީގުތަކުން ހާމަވެފައިވާ ކަމަށެވެ.
ނެޝަނަލް ތަވްހީދު ޖަމާއަތުން ލަންކާގެ އެކި ސަރަހައްދުތަކުގައި ނުވަ މީހަކު ޖާނުން ފިދާވެގެން ދިން ހަމަލާގައި 258 މީހުން ވަނީ މަރާލާފައެވެ. އައިއެސް އާ ގުޅިފައިވާ މި ޖަމާއަތުން ދިން ހަމަލާގައި މަރާލި މީހުންގެ ތެރޭގައި އިންޑިއާގެ 11 މީހަކުވެސް ހިމެނެއެވެ. ލަންކާ ސިފައިން ވަނީ އެހަމަލާއާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ 200 އަށްވުރެން ގިނަ މީހުން ހައްޔަރުކޮށްފައެވެ.