މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީން) އިން މިއަހަރަށް 38 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.
އެމްއޯސީގެ އަހަރީ އާންމު ޖަލްސާ ރޭ ހ. މީރުމާގައި ބާއްވާފައިވާ އިރު، ރޭގެ ޖަލްސާގައި ވޭތުވެދިޔަ އަހަރުގެ ބަޖެޓު ތަފްސީލުކޮށް، ހަރަދުތަކުގެ ތަފްސީލު ދީފައިވެއެވެ. އޭގެ އިތުރުން މިދިޔަ އަހަރު އެމްއޯސީން ކޮށްފައިވާ ކާމިޔާބު މަސައްކަތްތައްވެސް އާންމު މެމްބަރު އެސޯސިއޭޝަންތަކާ ހިއްސާ ކޮށްފައިވާ އިރު، މިދިޔަ އަހަރު އެމްއޯސީގެ އެކިއެކި މަސައްކަތްތަކުގައި އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަން ކޮށްފައިވެސް ވެއެވެ.
ރޭގެ އާންމު ޖަލްސާގައި މިއަހަރުގެ ބަޖެޓް ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ. އެމްއޯސީން ރޭ ފާސްކުރި ބަޖެޓުގެ ބޮޑު ހިއްސާއެއް އޮތީ ސަރުކާރަށް ބަރޯސާވެފައެވެ. އެގޮތުން 28 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ ކުޅިވަރާ ބެހޭ ވުޒާރާއިންނެވެ. އާންމުކޮށް ކުޅިވަރާ ބެހޭ ވުޒާރާއިން ގޭމްސްތަކަށް ބޮޑު ހަރަދެއް ކުރާތަން ފެނިގެން ގޮސްފައިވާ އިރު، މިފަހަރުގެ ބަޖެޓުންވެސް އެންމެ ބޮޑު ހޭދައެއް ކުރަން އޮތީ ގޭމްސްތަކަށެވެ.
އެގޮތުން މިއަހަރު ފްރާންސްގެ ޕެރިސްގައި އޮންނަ އޮލިމްޕިކްސްއަށް ދާނެ ހަރަދުވެސް އަންދާޒާކޮށްފައިވާ އިރު، ތައިލެންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސްއަށްވެސް ބަޖެޓު ކަނޑައަޅާފައިވެއެވެ. އަދި ވަކި ގޮތެއް ނުނިމި އޮތް އޭޝިއަން ގޭމްސް، ޕާކިސްތާނުގައި އޮންނާނެ ކަމަށް ބަލައި، އެކަމަށް ބަޖެޓު ކަނޑައަޅާފައިވެއެވެ.
މިއަހަރު ވައިޑީޕީތަކަކަށްވެސް އެމްއޯސީން ހަރަދުކުރަން ނިންމައި، އެކަމަށްވެސް ބަޖެޓު ކަނޑައަޅާފައިވާ އިރު، ނެޝަނަލް ގޭމްސްއެއް ބާއްވަންވެސް ވަނީ ބަޖެޓުކޮށްފައެވެ.
ބަޖެޓްގެ ބޮޑު ބައެއް ސީދާ ކުޅިވަރުގެ ހަރަކާތްތަކަށް ހަރަދުކުރަން ނިންމާފައިވާ އިރު، އެހެން ހަރަދުތައް ކުޑަކުރަން އެމްއޯސީން ވަނީ މަސައްކަތްކޮށްފައެވެ.