ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީގެ މަގާމަށް ކުރީގެ އާމީ ކޮމާންޑަރެއް ރައީސް މައިތިރިޕާލް ސިރިސޭނާ މީގެ ކުޑައިރުކޮޅެއް ކުރީން އައްޔަންކުރައްވައިފި އެވެ.
މި މަގާމަށް އައްޔަން ކުރެއްވީ ކުރީގެ އާމީ ކޮމާންޑަރު، ޖެނެރަލް ރިޓަޔާޑް ޝާންތާ ކޮއްޓެގޮޑާ އެވެ.
ޑިފެންސް ސެކްރެޓަރީ ކަމުގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހެމާސިރީ ފެނާންޑޯ، އިސްތިއުފާ ދެއްވީ މިދިޔަ އާދީއްތަ ދުވަހު އެވެ. އޭނާ އިސްތިއުފާދެއްވީ ރައީސް ސިރިސޭނާ އަންގަވިގެންނެވެ.
ރައީސް ސިރިސޭނާގެ އެންގެވުމަށް ޕޮލިސް ޗީފް އިސްތިއުފާ ދެއްވަން ދެކޮޅު ހެއްދެވުމާ ގުޅިގެން، ސިރިސޭނާ މިއަދު ވަނީ އެކްޓިން ޗީފް އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ. ލަންކާގެ ގާނޫނު އަސާސީ ބުނާ ގޮތުން ޕޮލިސް ޗީފް މަގާމުން ވަކި ކުރެވެނީ އެކަމަށް އޮންނަ ހާއްސަ އުސޫލުތަކެއްގެ ދަށުން ރައްޔިތުންގެ މަޖިލީހަށެވެ.