ލަންކާ އެޓޭކް 2019

ރައީސް އެންގެވުމުން ވެސް ލަންކާގެ ޕޮލިސް ޗީފް އިސްތިއުފާ ނުދިނުމުން އެކްޓިން ޕޮލިސް ޗީފަކު އައްޔަންކުރައްވައިފި

ރައީސް މައިތިރިޕާލަ ސިރިސޭނާ އެންގެވުމުން ވެސް ސްރީލަންކާގެ ޕޮލިސް ޗީފް އިސްތިއުފާ ނުދިނުމުން އެކްޓިން ޕޮލިސް ޗީފްގެ މަގާމަށް މީހަކު އައްޔަންކުރައްވައިފި އެވެ.

ރައީސް ސިރިސޭނާ ލަންކާގެ އެކްޓިން ޗީފް ޕޮލިސް ގެ މަގާމަށް އައްޔަން ކުރެއްވީ ޑެޕިއުޓީ އިންސްޕެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި ވިކްރަމްރަތްނޭ އެވެ.

ލަންކާގެ ޕޮލިސް ޗީފްގެ މަގާމުގައި ހުންނެވި، އިންސްޕެކްޓަރު ޖެނެރަލް (އައިޖީ) ޕުޖިތު ޖަޔަސުންދަރާ އިސްތިއުފާދޭން ރައީސް ސިރިސޭނާ އެންގެވީ މީގެ ދެދުވަސް ކުރީންނެވެ. އިސްތިއުފާދެއްވަން އެންގެވި މައިގަނޑު ސަބަބެއް ކަމަށް ރައީސް ސިރިސޭނާ ވިދާޅުވީ، ލަންކާއަށް މި މަހުގެ 21 ވަނަ ދުވަހު ބޮންތަކެއް ގޮއްވާލައިގެން ދިން ހަމަލާގެ މައުލޫމާތު އެނގި ތިބެ، އެކަން އެމަނިކުފާނާ ހިއްސާ ނުކުރުމެވެ. ހަަމަ އެދުވަހު ރައީސް ސިރިސޭނާ ވަނީ ޑިފެންސް ސެކްރެޓަރީ ހެމާސިރީ ފެނާންޑޯއަށް ވެސް އިސްތިއުފާދޭން އަންގަވައިފަ އެވެ. ހެމާސިރީ ފެނާންޑޯ ވަނީ އެދުވަހު އިސްތިއުފާދެއްވައިފަ އެވެ.

ސްރީލަންކާގެ ގާނޫނު އަސާސީ ބުނާ ގޮތުން، އިންސްޕެކްޓަރ ޖެނެރަލް މަގާމުން ވަކި ކުރެވޭނީ އެކަމަށް އޮންނަ އުސޫލުތަކެއްގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށެވެ.

"ރައީސް ސިރިސޭނާ އެންގެވުމުން ވެސް ޖަޔަސުންދަރާ ވަނީ އެސްތިއުފާ ދިނުމަށް ދެކޮޅު ހަދާފައި. ޖަޔަސުންދަރާ އަކީ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހާގެ ހޮވުމެއް." މީޑިއާ ރިޕޯޓެއްގައި ބުނެފައިވެ އެވެ.

ޗީފް ޕޮލިސްގެ މަގާމުގައި މީހަކު ހުއްޓައި އެކްޓިން ޕޮލިސް ޗީފުގެ މަގާމަށް މީހަކު އައްޔަން ކުރުމުން ފުލުހުންގެ މަސައްކަތްތަކަށް ސީރިއަސް މައްސަލަތަކެެއް ކުރިމަތިވާނެ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.