މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލަށް ވަޑައިގެން ތައުބާވެވަޑައިގަންނަވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މުހައްމާ ވިދާޅުވީ ރައީސް ޔާމީނަކީ "ގަޓު ރައީސް" ކަމަށާއި އެހެންކަމުން ޖަލަށް ވަޑައިގަންނަވަން އެމަނިކުފާނު ޖެހިލުންވެވަޑައިގަންނަވާކަށް ނުޖެހޭ ކަމަށެވެ.
"ގަޓު ރައީސެއް ނޫންތޯ. އެހެންވީމަ ގަޓުގަ ނުކުންނަވަން ވީނޫންތޯ. ޖަލުގަ ހަމަ އުޅުއްވޭނެ ނޫންތޯ. އަޅުގަނޑަށް ފެންނަނީ ހަމަ ޖަލަށް ވަޑައިގަންނަވަން. ވީހާވެސް އަވަހަކަށް ގަޓުކަން ދައްކަވައިގެން ކުރިއަށް އޮތްތަނުގައި އެކުރެވުނު ކަންތަކަށް ތައުބާވެ، މައާފަށް އެދި، ދެން އިތުރަށް ސިޔާސީ ވިސްނުމެއްގައި ވަޑައިގެންފި ކަމަށް ވާނަމަ ކޮންމެވެސް ބަޔަކު ބަލައިގެންފާނެ،" މުހައްމާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް އިންސާފު ގާއިމްކުރަންޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އެގޮތަށް އަމަލުކޮށްފިނަމަ ބޮޑެތި ހުކުމްތަކެއް އެމަނިކުފާނަށް އަންނާނެ ކަމަށް މުހައްމާ ވިދާޅުވިއެވެ.
މުހައްމާ ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރެއްވުމުގެ ކުރިން ރައީސް ޔާމީނަށް ފުރާވަޑައިނުގެންނެވޭނެ ފަދަ ނިންމުމެއް ރައްޔިތުންގެ މަޖިލީހުން ނުވަތަ ކޯޓަކުން ނިންމަން ޖެހޭ ކަމަށާއި އެހެންނޫނީ އިބޫ ހުވާކުރަންވާއިރަށް އެމަނިކުފާނު ފިއްލަވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ގާނޫނީ ގޮތުން ތަންދޭ އެންމެ ރަނގަޅަކަށް ތަހުގީގު ކުރަން އެބަޖެހޭ ކަމަށެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ މަޖިލިސް ހިސޯރުކޮށްފައި ކަމަށާއި އޭގެބޭނުމަކީ އިދިކޮޅު މެމްބަރުން ރައީސް ޔާމީނަށް ފުރާވަޑައިނުގަންނެވޭ ފަދަ ނިންމުމެއް ނިންމިޔަ ނުދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީސް ހިސޯރުކޮށްގެން މަސީހުވެސް އެ ހުންނަވަނީ އެ ބޭނުމުގައި. މަޖިލީހުން އަޅުގަނޑުމެން މެމްބަރުން އެބަޖެހޭ ރައީސް ޔާމީނަށް ފުރައިގެން ނުދެވޭނެ ނިންމުމެއް ނިންމަން. އެހެންނޫނީ ކޯޓަކަށް ގޮސްގެން ނަމަވެސް އަޅުގަނޑުމެން ކުރަން އެބަޖެހޭ. އެހެންނޫނިއްޔާ އެމަނިކުފާނު ފިލާވަޑައިގަންނަވާނެ،" މުހައްމާ ވިދާޅުވިއެވެ.
ގައުމަށް އިޚްލާސްތެރިވާނަމަ މަޖިލީހުގެ ރައީސްކަމުން މަސީހު އިސްތިއުފާދެއްވުމަށް މުހައްމާ ގޮވާލެއްވިއެވެ. އޭނާ ވިދާޅުވީ އިސްތިއުފާ ނުދެއްވައިފިނަމަ ދެން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން މަސީހު މަގާމުން ދުރުކުރަން ކަމަށެވެ.
"އަޅުގަނޑުމެން އޭރުވެސް ނޯ ކޮންފިޑެންސް ވޯޓެއް ނަގަން އުޅުނީ ހަގީގަތުގައި ވެސް މަސީހުއަށް ކަންކުރެވިފައި ހުރިގޮތް ރަނގަޅު ނޫންވީމަ. ގާނޫނު އަސާސީއާ ޚިލާފަށް، ގާނޫނުތަކާ ޚިލާފަށް، ހެދިފަހުރި ގަވާއިދުތަކާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތަކަށް އިހުމާލުވެގެންދާތީ. ނޫނީ ގަވާއިދުން ކަންކަން ކުރަމުން ނުދާތީ އަޅުގަނޑުމެންނަށް އެކަންކުރަން މަޖުބޫރުވީ،" މުހައްމާ ވިދާޅުވިއެވެ.
މުހައްމާ ވިދާޅުވީ ރައީސް ޔާމީންގެ އަތުގައި ފައިސާ ހުރިނަމަ ގައުމަކުން ޕާސްޕޯޓެއް ގަނެގެން އެ ގައުމެއްގައި އުޅެވިދާނެ ކަމަށާއި އެމަނިކުފާނު މަސައްކަތް އެ ކުރައްވަނީ އެކަހަލަ ވިސްނުމެއްގައި ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް އަސްލު ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ބޭރުގައުމުތަކުން ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދާދިފަހުން ގައުމާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ދެއްކެވި ބައެއް ވާހަކަފުޅުތަކަށް މުހައްމާ ރައްދު ދެއްވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ އަރިހުގައި މަސައްކަތްކުރި މީހުންް އެމަނިކުފާނަށް ލަނޑެއް ނުދޭ ކަމަށާއި ލަނޑުދިނީ ރައީސް ޔާމީން ކަމަށެވެ.
މީހުންނަށް ލަނޑު ދެމުންގޮސް އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމަށް ވެސް ލަނޑުދޭނެ ކަމަށް މުހައްމާ ވިދާޅުވިއެވެ.
"ކާކުތޯ މި ލަނޑުދިނީ. ރައީސް ޔާމީން ލަނޑުދިނީ އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުންނަށްވެސް. ރައްޔިތުންނަށް އެކަންޏެއް ނޫން. އެމަނިކުފާނަށް މަސައްކަތް ކުރެއްވި ބޭފުޅުންނަށް ވެސް ލަނޑުދިނީ އެބޭފުޅާ. ދެން މިހެންގޮސް ލަނޑު ދެމުން ދެމުން ގޮސް ދޭނެ މެޑަމްއަށް ވެސް. އެއީ އަޅުގަނޑަށް ސިފަވާގޮތަކީ. މެޑަމްއަށް ލަނޑުދެވުނީމަތާ ހަމަވާނީ. މެޑަމްއަށް ބޮޑު ލަނޑެއްދީފަކާއެއް ނޫނީ ހުއްޓައެއް ނުލާނެ. ދޭނެ ލަނޑެއް އަޅުގަނޑަކަށް ނޭނގެ. ކޮންމެވެސް ޒާތެއްގެ ލަނޑެއް ދޭނެ،" މުހައްމާ ވިދާޅުވިއެވެ.