ޚަބަރު

އެމްޑީޕީ މަޖިލިސް ޕްރައިމަރީ: ރުކުމާ، މުހައްމާ، ބްރިގޭޑިއާ ޑީޑީ އަދި ނާޒިމަށް ނާކާމިޔާބީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވަމުންގެންދަވާ ހަތަރު މެމްބަރަކަށް ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފިއެވެ.

މިއަދު ބޭއްވި އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ހަތަރު މެމްބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީ އަދި ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.

ހެންވޭރު ދެކުނު ދާއިރާގެ ޕްރައިމަރީގައި ރުކުމާއާ ވާދަކޮށް، އެމްޑީޕީ ޓިކެޓް ހޯއްދެވީ ހުސައިން ޝަހީމް (އަނދުން ސަލީމް) އެވެ. މުހައްމާއާ ވާދަކޮށް، އިހަވަންދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ހޯއްދެވީ މުހައްމަދު ޝިފާއުއެވެ.

ހިތަދޫ މެދު ދާއިރާގެ ޕްރައިމަރީގައި ބްރިގޭޑިއާ ޑީޑީގެ މައްޗަށް ކުރި ހޯއްދަވައި، އެމްޑީޕީގެ ޓިކެޓް ހޯއްދެވީ ހިޔަލީ އަހްމަދު ރަޝީދެވެ. އަދި ވައިކަރަދޫ ދާއިރާގެ ޕްރައިމަރީގައި ނާޒިމްއާ ވާދަކޮށް، އެމްޑީޕީ ޓިކެޓް ހޯއްދެވީ ހުސައިން ޒިޔާދެވެ.

ޕްރައިމަރީގައި ވާދަކޮށް، ނާކާމިޔާބުވެވަޑައިގެންނެވި ބޭފުޅުންނަށް އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.