ޚަބަރު

ނުހައްގު މުއްސަނދިކަން ހޯދުމަކީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގައި ކަނޑައަޅަން ހުށަހަޅައިފި

ނުހައްގު މުއްސަނދިކަން ހޯދުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ގާނޫނުލް އުގޫބާތައް ގެންނަ އިސްލާހެއްގެ ގޮތުގައި، ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)އެވެ.

މި ބިލުގައި، ދައުލަތުގެ މުއްޒަފުންނަށް ލިބޭ ހުއްދަ އާމްދަނީގެ ވަސީލަތްތަކާއި އެ ވަސީލަތްތަކުން އުފައްދައިދޭ އާމްދަނީގެ މިންވަރާ އަޅާބަލާއިރު އެމީހުންނަށް ނުހޯދޭނެ ނުވަތަ ހޯދުން އެކަށީގެންނުވާ ނުވަތަ ހޯދުނުގޮތް ބަޔާންކޮށްނުދެވޭ މުދަލާއި، ފައިސާ ހޯދައި ލިބިގަތުން ހުއްޓުވުމަށްޓަކައި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.

ނުހައްގު މުއްސަނދިކަން ހުއްޓުވުމަށް ގާނޫނެއް ހެދުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މުހައްމާ މި ބިލު މަޖިލީހަށް ހުށަހެޅި ނަމަވެސް ބިލުގެ ބަހުސް މަޖިލީހުގެ ތަޅުމަށް އަންނާނެ ދުވައެއް އަދި ނޭނގެއެވެ.

މި ބިލުގައިވާގޮތުން، ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި ފަނޑިޔާރުން އާމްދަނީއާ ނުބައްދަލު ފައިސާ ނުވަތަ މުދާ ގެންގުޅުމަކީ ޖިނާއީ ކުށެކެވެ.

އެ ކުށަކީ ގާނޫނުލް އުގޫބާތުގެ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ. ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑަ އަޅާފައިވަނީ، 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މަތީ ފަންތީގެ ބޭފުޅުން ފިޔަވައި އެހެންމީހުން ކުށްކޮށްފިނަމަ އަދަބު ދަށް ކުރުމަށް ވެސް މި އިސްލާހުގައި ގޮތްތަކެއް ވަނީ ކަނޑައަޅައިފައެވެ.