ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް ދާދިފަހުން އައްޔަންކުރި، އިހަވަންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ނަގާފައިވާ ލޯނަކަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، އެ ލޯނުގެ ތެރެއިން ނުދައްކައި އޮތް ފަސް މިލިއަން ރުފިޔާ ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް އިން ހުށަހެޅި މައްސަލައިގައި، ކޮންމެ މަހަކު 83،000 ރުފިޔާ ދައްކައި ހަލާސްކުރުމަށް މުހަންމާގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި ބީއެމްއެލުން އެދިފައިވަނީ، މިމަހުގެ 4ގެ ނިޔަލަށް ނުދައްކާ އޮތް 5،023،106.21 (ފަސް މިލިއަން) ރުފިޔާ އާއި އަރަމުންދާ އިންޓަރެސްޓާއި ޖޫރިމަނާގެ ފައިސާއާއެކު ދެއްކުމުގެ ގޮތުން ކޮންމެ މަހަކު ވެސް 83،000 ރުފިޔާއަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ ދައްކަމުން ގޮސް، ލޯނުގެ އެންމެހާ ފައިސާއެއް 31 މެއި 2036ގެ ނިޔަލަށް ދައްކައި ހަލާސްކުރުމުގެ ފުރުސަތު މުހަންމާއަށް ދީ، އެގޮތުގެ މަތިން ފައިސާދައްކަމުން ނުދާ ނަމަ، އެ ދަރަނީގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ އަލުން ހުށަހެޅޭގޮތަށް، އިތުރު އަޑުއެހުމެއް ބޭއްވުމަށްނެތި ނިންމައިދިނުމަށެވެ.
ކޮންމެ މަހަކު ވެސް 83،000 ރުފިޔާއަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ ދައްކަމުން ގޮސް، ލޯނުގެ އެންމެހާ ފައިސާއެއް 31 މެއި 2036ގެ ނިޔަލަށް ދައްކައި ހަލާސްކުރާގޮތަށް، ބީއެމްއެލުން އެދިފަިއވާގޮތަށް މައްސަލަ ނިންމައިދިނުމަށް މުހަންމާގެ ފަރާތުން ވެސް ވަނީ އެދިފައެވެ.
ރަހުނުކުރެވިފައިވާ ހ. ފުރާތު، ކިޔާ ގޯއްޗާއި އެ ގޯތީގައިވާ އެންމެހާ އިމާރާތްތައް ވިއްކާލުމުގެ ހުއްދަ، ބީއެމްއެލަށް ދިނުމަށް މައްސަލަ ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެ މައްސަލައާ ގުޅިގެން ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ބީއެމްއެލުން އެދިފައިވަނީ ދަރަނީގެ ފައިދާ ދެއްކުމަށް މުހަންމާއަށް ފުރުސަތުދީ މައްސަލަ ނިންމައިދިނުމަށެވެ.
ޣައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދި ބީއެމްއެލް އަދި ދައުވާ ލިބޭ މުހަންމާގެ ފަރާތުން އެދިފައިވާތީ، އެ މައްސަލަ ނިންމާފައިވަނީ އެ ދެ ފަރާތުގެ ޣައިރު ހާޒިރުގައެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ އަބްދުއްނާސިރު ޝަފީގު އިއްޔެ ކުރެއްވި ހުކުމުގައި ވަނީ، ނުދައްކާ އޮތް 5،023،106.21 (ފަސް މިލިއަން) ރުފިޔާ އާއި އަރަމުންދާ އިންޓަރެސްޓާއި ޖޫރިމަނާގެ ފައިސާއާއެކު ދެއްކުމުގެ ގޮތުން، އިއްޔެ އިން ފެށިގެން ކޮންމެ މަހަކު ވެސް 83،000 ރުފިޔާއަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ ބީއެމްއެލްއަށް ދައްކަމުން ގޮސް، 31 މެއި 2036ގެ ނިޔަލަށް ލޯނުގެ އެންމެހާ ފައިސާ ދައްކާ ހަލާސްކުރުމަށް މުހަންމާއަށް އަންގާ ކަމަށެވެ.
އޭގެ އިތުން އެގޮތުގެ މަތިން ފައިސާދައްކަމުން ނުދާ ނަމަ، އެ ދަރަނީގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ބީއެމްއެލްއަށް ލިބިދީ، އެގޮތުގެ މަތިން ހުކުމްކުރާ ކަމަށެވެ.
ބްރޯޑްކޮމްއަށް މުހަންމާ އައްޔަންކޮށްފައިވަނީ މިދިޔަ މަހުގެ 16 ގައެވެ.