ސްޕެނިޝް ލަލީގާ ގައި މިރޭ ލެވަންޓޭ އަތްދަށުވެ، ސީޒަނުގައި ޖެހިޖެހިގެން ކުޅުނު ފަސްވަނަ މެޗުންވެސް މޮޅެއް ނުލިބި ވަރުގަދަ ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.
ރެއާލްގެ އަމިއްލަ ދަނޑު މިރޭ ލެވަންޓޭއަތުން ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ރެއާލް ނިކުތްއިރު އެޓީމު އެންމެފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައެއް ނުވެއެވެ. ލީގުގައި ޑިޕޯޓިވޯ އަލަވޭސް އަތުންނާއި ސެވިއްޔާ އަތުން ބަލިވި އިރު، ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުންވީ އެއްވަރެވެ. އަދި ޗެމްޕިއަންސް ލީގުގައި އެންމެފަހުން ރަޝިއާގެ ސީ.އެސް.ކޭ.އޭ މޮސްކޯ އަތުންވެސް ވަނީ ބަލިވެފައެވެ.
މިރޭގެ މެޗަށް ރެއާލް ނިކުތީ އެޓީމުގެ މުޙިއްމު ކުޅުންތެރިންކަމަށްވާ ޖަރުމަނުގެ ޓޮނީ ކްރޫސް، ވޭލްސްގެ ގެރެތު ބޭލް، އަދި ފްރާންސްގެ ކަރީމް ބެންޒެމާ ފުރަތަމަ އެގާރައިގައި ނުހިމަނައެވެ.
މެޗު ފަށައިގެން ފުތަރަމަ 13 މިނެޓު ތެރޭގައި ލެވަންޓޭއިން ވަނީ ދެލަނޑު ކާމިޔާބުކޮށް ރެއާލް މެޑްރިޑަށް ހާސްކަން ގެނުވާފައެވެ. އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 7 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކެޕްޓަން ހޯސޭ ލުއިސް މޮރާލޭސް އެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ ރެއާލްގެ ޑިފެންޑަރު ރަފައެލް ވަރާން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އެޓީމުގެ ގޯލްކީޕަރު ކޯޓުއާ ކައިރިންވެސް ނައްޓާލުމަށްފަހުއެވެ.
ލެވަންޓޭއިން ލީޑު ފުޅާކުރީ މެޗުގެ 13 ވަނަ މިނެޓުގައި އެޓީމުގެ ރޮޖާ މާޓީ ކާމިޔާބުކޮށްދިން ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ އަކީ ރެއާލްގެ ޑިފެންޑަރު ވަރާން ބޯޅައިގައި އަތްލުމުން އޭރިއާ ބޭރުން ލެވަންޓޭއަށް ހިލޭޖެހުމެއް ދިނުމަށްފަހު، އޭގެ އިރުކޮޅެއްފަހުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީ.އޭ.އާރު) ގެ އެހީގައި ވަރާން ބޯޅައިގައި އަތްލީ ޕެނަލްޓީ އޭރިއާ ތެރެއިން ކަމަށް ނިންމައި ލެވަންޓޭއަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
މެޗުގެ 18 ވަނަ މިނެޓުގައި ރެއާލް މެޑްރިޑުގެ ކަސެމީރޯ ބޮލުން ޖެހިބޯޅަ ގޯލުގެ މަތީދަނޑީގައި ޖެހިފައި ނިކުތްވަގުތު އަސެންސިއޯ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލިނަމަވެސް، ރެފްރީ ވަނީ ވީ.އޭ.އާރުގެ އެހީގައި އެ ލަނޑަކީ އޭނާ އޮފްސައިޑް މަޤާމެއްގައި ހުރެ ކާމިޔާބުކުރި ލަނޑެއްކަމަށް ނިންމާފައެވެ.
މެޗުގެ ދެވަނަހާފުގައި، ރެއާލްގެ ކޯޗު ލޮޕެޓީގް ވަނީ ބޭލް އާއި ބެންޒެމާ ކުޅެން ނެރެފައެވެ. އެގޮތުން، މި ދެކުޅުންތެރިންގެ ފަރާތުން ގިނަ ހަމަލާތަކެއް ލެވަންޓޭގެ ގޯލަށް އަމާޒުކުރިނަމަވެސް، ލެވަންޓޭގެ ގޯލްކީޕަރު ވަނީ ހުށިޔާރުކަމާއެކު މިހަމަލާތައް ދިފާޢުކޮށްފައެވެ. ރެއާލްގެ ހަމައެކަނި ގޯލު މެޗުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ތަރި މާސެލޯއެވެ. ބެންޒެމާ ދިން ޕާހަކުން މާސެލޯ ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލާފައެވެ. މިއީ ސްޕެނިޝް ލީގުގައި މާސެލޯ ލެވަންޓޭ ކޮޅަށް މިހާތަނަށް ކާމިޔާބުކުރި ތިން ވަނަ ލަނޑެވެ. އަދި މި ލަނޑަކީ ރެއާލް މެޑްރިޑަށް ލަނޑެއް ކާމިޔާބުނުކުރެވި ހޭދަވެފައިވާ 481 މިނެޓަށް ނިމުންގެނުވި ލަނޑެވެ.
މެޗުގައި ރެއާލްއަށް އެއްވަރުކުރަން އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ ބެންޒެމާއަށެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މެޗުގެ 88 ވަނަ މިނެޓުގައި ވެސް ރެއާލްއިން ލަނޑެއް ކާމިޔާބުކުރިއެވެ. މަރިއާނޯ ޑިއާޒްގެ މި ލަނޑުވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.
މި މެޗުން ލިބުނު ނާކާމިޔާބާއެކު ރެއާލް އޮތީ 9 މެޗުން ލިބުނު 14 ޕޮއިންޓާއެކު ޓޭބަލްގެ 5 ވަނައިގައެވެ.
ލީގުގައި އެންމެ އަވަހަށް ދެން ރެއާލް މެޑްރިޑަށް އޮތީ މިމަހުގެ 28 ވާ އާދީއްތަ ދުވަހު ވާދަވެރި ބާސެލޯނާއާ ބައްދަލުކުރާ އެލް ކްލެސިކޯ މެޗެވެ.