ލަންކާގައި ހައްޔަރުކުރި ހަ ދިވެހިންގެ ތެރެއިން ދެމީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ބަންދުގެ ދުވަސް ޖަހާފައިވާ ދެ މީހުންނަކީ ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާއަތުގެ ވާހަކަ ހިމެނޭ ފޮތެއް ގެންގުޅުނު ދެމީހުންނެވެ. އެދެމީހުންގެ ބަންދުގެ މުއްދަތަށް މައުންޓްލެވެނިއާގެ މެޖިސްޓްރޭޓް ކޯޓުންވަނީ 13 ދުވަސް ޖަހާފައެވެ.
މިދިޔަ އާދީއްތަ ދުވަހު ސްރިލަންކާގައި ދިން ޓެރަރިސްޓް ހަމަލާތާކާ ގުޅިގެން ރޭގެ ވަގުތެއްގައި ހަ ދިވެހިން ހައްޔަރުކޮށްފައިވަނީ ލަންކާގެ އެކި ސަރަހައްދުތައް ބަލައި ފާސްކުރުމަށް ހިންގި ހާއްސަ އޮޕަރޭޝަނުގެ ތެރެއިން ސުވާލުކުރުމަށެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީން މައުލޫމާތު ދިން ގޮތުގައި ހައްޔަރުކުރި ދިވެހިންގެ ތެރޭގައި ދިވެހި ހަތަރު ދަރިވަރުން ހިމެނެއެވެ. މި ހަތަރު ދަރިވަރުންނަކީ ފްލައިޓް އިންޖިނިއަރިންގ ކިޔަވަމުން އަންނަ އެއް ގެއެއްގައި އުޅޭ ހަތަރު ދަރިވަރުން ކަމަށް މައުލޫމާތު ލިބެއެވެ.