މިދިޔަ އާދީއްތަ ދުވަހު ލަންކާއަށް ދިން ބޮމުގެ ހަމަލާއާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ ބަޔަކާއި ލަންކާ ފުުލުހުންނާ ދެމެދު ހިންގި ބަޑީގެ ހަމަލާތަކެއްގައި 15 މީހުން މަރުވެއްޖެ އެވެ.
ލަންކާގެ ޝައިންތަމަރުތު ނަމަކަށް ކިޔާ ސަރަހައްދެއްގައި ހުރި ގެޔަކަށް ފުލުހުން ހަމަލާ ދޭން ފެށީ، އެ ގެފާސްކުރަން ފުލުހުން ދިއުމުން، ގޭތެރޭން ފުލުހުންނާ ދިމާއަށް ބަޑީގެ ހަމަލާ ދޭން ފެށުމުން ކަމަށް ފުލުހުންނާ ހަވާލާދީ ލަންކާގެ މީޑިއާތަކުން ބުނެ އެވެ.
ފުލުހުން ބުނީ، ހަމަލާ ދެމުން ދަނިކޮށް އެގޭތެރެއިން ބޮމެއް ގޮއްވާލާފައިވާ ކަމަށެވެ. އެއީ ޖާނުން ފިދާވެގެން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
އެގޭ ތެރެއިން 15 މީހެއްގެ ހަށިގަނޑު ފެނިފައިވާ އިރު، އޭގެ ތެރޭގައި ހަ ކުޑަކުދީން ވެސް ހިމެނެ އެވެ. މި 15 މީހުންގެ ތެރޭގައި، ޖާނުން ފިދާވެގެން މަރުވެފައިވާ ހަ މީހުން ހިމެނޭ ކަމަށް ވެސް ރިޕޯޓުތައް ހިމެނެ އެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މި ގެ ހިމެނޭ ސަރަހައްދަކީ ލަންކާގެ ނެޝަނަލްތަ ތައުހީދު ޖަމާއަތުގެ ލީޑަރު، ޒަހްރާން ހާޝިމް ދިރިއުޅޭ ގެ ހުންނަ ހިސާބެވެ.