ލަންކާ އެޓޭކް 2019

ލަންކާ ސިފައިންނާ ދެމެދު ބަދަލުކުރި ބަޑީގެ ހަމަލާތަކުގައި ޓެރަސްޓް ޖަމާއަތެއްގެ ދެ މީހުން މަރުވެއްޖެ

ސްރީލަންކާގެ ސަލާމަތީ ބާރުތަކާއި ގްރޫޕަކާ ދެމެދު ބަދަލުކުރި ބަޑީގެ ހަމަލާތަކުގައި ޓެރަރިސްޓް ޖަމާއަތެއްގެ ދެ މީހުން މަރުވެއްޖެއެވެ.

ލަންކާގެ ސިފައިން ބުނީ އެ ހަމަލާތަކުގައި މަރުވެފައިވަނީ އިސްލާމިކް ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ ދެ މީހުން ކަމަށެވެ.

ބަޑީގެ ހަމަލާތައް ބަދަލުކޮށްފައިވަނީ ކޮލަމްބޯއާ 360 ކިލޯމީޓަރު ބޭރުގައި އޮންނަ އަމްޕަރާގައެވެ. އެ ހަމަލާތައް ހިނގަން މެދުވެރިވީ ޖާނުން ފިދާވުމުގެ ހަމަލާތައް ދިނުމަށް ބޭނުންކުރާ ޖެކެޓުތައް ހަދާ ތަނެއް ބަލައި ފާސްކުރާތީ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ލަންކާގެ ސަލާމަތީ ބާރުތަކާއި ގްރޫޕަކާ ދެމެދު ބަދަލުކުރި ބަޑީގެ ހަމަލާއާ ގުޅޭގޮތުން ލަންކާ ސިފައިންގެ ތަރުޖަމާނު ވިދާޅުވީ އެ ސަރަހައްދުގައި ތިން ގޮވުމެއް ގޮއްވާލާފައިވާ ކަމަށެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ލަންކާގެ އަމްޕަރާ އިން ބޮން ހެދުމަށް ބޭނުންވާ ތަކެއްޗާއި ޖާނުން ފިދާވުމުގެ ހަމަލާދޭން ބޭނުންކުރާ ޖެކެޓާއި އައިއެސް ބެނާ އަދި ޔުނީފޯމެއް ފެނިފައިވެއެވެ.