ސްރީ ލަންކާގެ ޑިފެންސް ސެކަރެޓަރީ އިސްތިއުފާ ދީފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޑިފެންސް ސެކްރެޓަރީ ހެމާސިރީ ފެނާންޑޯ، އިސްތިއުފާ މި ދިނީ މިދިޔަ އާދީއްތަ ދުވަހު ލަންކާއަށް ދިން ބޮން ގޮއްވައިލުމުގެ ހާދިސާތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތުގެ ސަބަބުންނެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ހަމަލާގައި ލަންކާއިން މަރުވި މީހުންގެ އަދަދު ވަނީ 253 އަށް އަރައިފަ އެވެ. ކުރީން 359 ކަމަށް ބުނެފައި ވީ ނަމަވެސް ލަންކާގެ ހެލްތް މިނިސްޓްރީން ފަހުން އެ އަދަދު ބަދަލުކޮށްފަ އެވެ. އެ މިނިސްޓްރީން ބުނީ ކުރީން 359 ކަމަށއ ބުނެވިފައި ވަނީ އެރި އޮޅުމެއްގެ ސަބަބުން ކަމަށެވެ.
ބޮން ގޮއްވުމުގެ ހާދިސާއާ ގުޅިގެން އުފެދުނު މައްސަލަތަކުގައި ލަންކާގެ ޑިފެންސް ސެކްރެޓަރީ އިސްތިއުފާދީފައިވާ އިރު، މި ހަމަލާގެ އިންޓެލިޖެންސް ރިޕޯޓު އިންޑިއާއިން އައީ ތަކުރާރުކޮށް ލަންކާއަށް ދެމުންނެވެ. އެ ގޮތުން ތަފާތު ތިން ފަހަރެއްގެ މަތީން އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އިންޑިއާއިން ބުނެ އެވެ. އަދި އެންމެ ފަނުން ހަމަލާ ދިނުމުގެ މަދު ގަޑި އިރުތަކެއް ކުރީން ވެސް އެކަން އެލާޓް ކުރި ކަމަށް އިންޑިއާއިން ވަނީ ބުނެފަ އެވެ.
ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޒާރު ލަންކާގެ ސަލާމަތީ ބާރުތަކަށް ކުރީން ލިބިފައިވާ ކަމަށް ލަންކާއިން ވެސް ވަނީ އެއްބަސްވެފަ އެވެ. އެހެން ނަމަވެސް އެ މަައުލޫމާތު ރައީސް މައިތިރިޕާލާ ސިރިސޭނައާ ހިއްސާކޮށްފައި ނުވާ ކަމަށް އެ މަނިކުފށާނު ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅު ވެސް އަޅުއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ޑިފެންސް ސެކްރެޓަރީ އިސްތިއުފާދެއްވަން ސިރިސޭނާ އެންގެވި ކަމުގެ ވާހަކަތަކެއް ވެސް ކުރީން ފެތުރުނެވެ. އެހެން ނަމަވެސް އެއީ ތެދު މައުލޫމާތެއްކަން ކަށަވަރެއް ނުވެ އެވެ.