ލަންކާ އެޓޭކް 2019

ލަންކާގައި ބޮންގޮއްވި ހާދިސާ: ކަނޑިތަކަކާއި އަތުބޮމާއި ގޮވާ ޒާތުގެ ތަކެއްޗާ އެކު ތިން މީހަކު ހައްޔަރުކޮށްފި

ލަންކާގައި ޖާނުން ފިދާވެގެން މިދިޔަ އާދީއްތަ ދުވަހު ހިންގި ބޮން ގޮއްވުމުގެ ހާދިސާއާ ގުޅިގެން އެ ގައުމުގެ ސަލާމަތީ ބާރުތަކުން ކުރިޔަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން ކަނޑި ތަކަކާއި އަތު ބޮން ތަކަކާއި ގޮވާ ޒާތުގެ ތަކެއްޗާ އެކު ބަޔަކު ހައްޔަރުކޮށްފި އެވެ.

ލަންކާގެ ފުލުހުން ބުނެފައިވާ ގޮތުގައި، ހައްޔަރު ކުރި ތިން މީހުން އަތުން ގޮވާ ޒާތުގެ ގިނަ ތަކެއްޗާއި ކަނޑިތަކެއް ވަނީ ފެނިފަ އެވެ. އެ ގޮތުން ހަ ކަނޑިއާއި 21 އަތުބޮން އޭގެ ތެރޭގައި ހިމެނެ އެވެ.

މީގެ އިތުރުން، ލަންކާގައި އުފައްދާފައިވާ ގޮވާ ޒާތުގެ ތަކެތި ވެސް އެ ތިން މީހުންގެ އަތުން ވަނީ ފެނިފަ އެވެ.

ފުލުހުންގެ ސްޕޯކްސްޕާސަންއާ ހަވާލާދީ ލަންކާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި، އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ލަންކާގެ މުޓްވަލް ސަރަހައްދުންނެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 360 އަށް ވަނީ އަރައިފަ އެވެ. އަދި މިހާރު ވެސް އެތައް ސަތޭކަ ބަޔަކަށް ހޮސްޕިޓާ ތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިންގާފައި ވަނީ ލަންކާގެ ތައުހީދު ޖަމާއަތުން ކަމަށް ލަންކާގެ ޑިފެންސުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އޭގެ ފަހުން އައިސިސް ޖމާއަތުން ވަނީ މި ހާދިސާގެ ޒިންމާ އުފުލައިފަ އެވެ. ބޮން ގޮއްވާލި ލަންކާ މީހުން އައިސިސްގެ ދިދަ ކައިރީގައި އެކަމަށް ބައިއަތު ހިފާ ވީޑިއޯއެއްވެސް އައިސިސް އިން ވަނީ އާންމުކޮށްފަ އެވެ.

އާދީއްތަ ދުވަހަށް ފަހު ވެސް ބޮމާއި އަދި ގުޅުން ހުރި ބައެއް ތަކެތި ލަންކާގެ އެކި ސަރަހައްދުތަކުން ފެންނަމުންދާ އިރު، އިތުރު ހަމަލާއެއް ދިނުމުގެ ފުރުސަތު އެބަ އޮތް ކަމަށް އިންޑިއާގެ އިންޓެލިޖެންސުން ވަނީ ބުނެފަ އެވެ.