މިދިޔަ އާދީއްތަ ދުވަހުގެ ލަންކާގައި ދިން ބޮން ގޮއްވުމުގެ ހަމަލާ ތަކާ ގުޅިގެން ކުރިޔަށް ގެންދާ ތަހުގީގު ތަކާއި ސަލާމަތީ އެހެން ސަބަބު ތަކަށް ޓަކައި، ލަންކާގެ އެއްވެސް ސަރަހައްދެއްގައި ޑްރޯން އެރުވުން މަނާކޮށްފި އެވެ.
ސްރީލަންކާގެ ސަލާމަތީ ބާރުތަކާ ހަވާލާދީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޑްރޯން އެރުވުން މަނާކޮށްފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.
މި ހާދިސާއާ ގުޅިގެން ރޭ ވެސް ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެން ނަމަވެސް އިއްޔެ އާއި ރޭ ހައްޔަރުކުރި މީހުންގެ އަސްލު އަދަދެއް މިއަދު އަދި އާންމުކޮށްފައެއް ނުވެ އެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 360 އަށް ވަނީ އަރައިފަ އެވެ. އަދި މިހާރު ވެސް އެތައް ސަތޭކަ ބަޔަކަށް ހޮސްޕިޓާ ތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ.
މި ހާދިސާ ހިންގާފައި ވަނީ ލަންކާގެ ތައުހީދު ޖަމާއަތުން ކަމަށް ލަންކާގެ ޑިފެންސުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އޭގެ ފަހުން އައިސިސް ޖމާއަތުން ވަނީ މި ހާދިސާގެ ޒިންމާ އުފުލައިފަ އެވެ. ބޮން ގޮއްވާލި ލަންކާ މީހުން އައިސިސްގެ ދިދަ ކައިރީގައި އެކަމަށް ބައިއަތު ހިފާ ވީޑިއޯއެއްވެސް އައިސިސް އިން ވަނީ އާންމުކޮށްފަ އެވެ.
އާދީއްތަ ދުވަހަށް ފަހު ވެސް ބޮމާއި އަދި ގުޅުން ހުރި ބައެއް ތަކެތި ލަންކާގެ އެކި ސަރަހައްދުތަކުން ފެންނަމުންދާ އިރު، އިތުރު ހަމަލާއެއް ދިނުމުގެ ފުރުސަތު އެބަ އޮތް ކަމަށް އިންޑިއާގެ އިންޓެލިޖެންސުން ވަނީ ބުނެފަ އެވެ.