ލަންކާ އެޓޭކް 2019

ލަންކާގެ ރެސްޓޯރެންޓެއްގެ ތެރެއިން އަނެއްކާވެސް ބޮމެއް ފެނިއްޖެ، މިހާރު ވަނީ ނައްތާލައިފައި

ސްރީލަންކާގައި ރެސޓޯރެންޓެއްގެ ތެރެއިން ފެނުނު ބޮމެއް މީގެ ކުޑަ އިރުކޮޅެއް ކުރީން ނައްތާލައިފި އެވެ.

ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި، މި ބޮން ފެނިފައި ވަނީ ނިގަމްބޯގެ ކަޓަނާގެ ތިމްބިރިގަސްކޮޓުވާ ސަރަހައްދުގައި ހުންނަ ރެސްޓޯރެންޓެއްގެ ތެރެއިންނެވެ.

"ސްރީލަންކާގެ އެއާފޯސް ޓީމަކުން މިހާރު ވަނީ ރައްކާތެރިކަމާ އެކު އެބޮން ނައްތާލާފައި." ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އެ ބޮން އޮތީ ބޭގެއްގެ ތެރޭގަ އެވެ. އެ ބޭގް ފެނިގެން ފުލުހުންނަށް ރިޕޯޓުކުރީ ރެސްޓޯރެންޓުން ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

މިދިޔަ އާދީއްތަ ދުވަހު ލަންކާގައި ދިން ބޮން ގޮއްވުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 360އަަށް އަރާފައިވާ އިރު، އިތުރު ހަމަލާތަކެއް ދިނުމުގެ ފުރުސަތު އެބަ އޮތް ކަމަށް އިންޑިއާގެ އިންޓެލިޖެންސުން ވަނީ ލަންކާއަށް މައުލޫމާތު ދީފަ އެވެ.

ނިގަމްބޯ ސަރަހައްދުން މި ބޮން ފެނި ރައްކާތެރިކަމާ އެކު ނައްތާލާފައިވާ އިރު، ވެއްލަވައްތައިގައި ހުންނަ ސެވޮއީ ސިނަމާ ކައިރީ ހުރި ސައިކަލެއްގައި ގޮވާ އެއްޗެއް އޮތް ކަމަށް ޝައްކު ކުރެވިގެން ވެސް ސަލާމަތީ ބާރުތަކުން ވަނީ ހަރަކާތްތެރިވެފަ އެވެ. އެހެން ނަމަވެސް އެ ތަނުން އެފަދަ އެއްޗެއް ފެނުނު ކަމުގެ މައުލޫމާތެއް ރިޕޯޓުކޮށްފައެއް ނުވެ އެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސައިކަލު ހުންނަ ސަރަހައްދުން ބާރު އަޑަކާ އެކު އެއްޗެއް ގޮވަ އެވެ.

އެހެން ނަމަވެސް، އެއީ ބޮމެއްގެ އަޑެއް ނޫނެވެ. ސައިލަު އެތަނުގައި ޕާކުކޮށްފައި މީހަކު ނެތުމުން، ސަލާމަތީ ބާރުތަކުން ވަނީ އޭގެ މަޑި ހުޅުވަން ޚާއްސަ ވަސީލަތެއްގެ ބޭނުންކޮށްފަ އެވެ. ފޮޓޯތަކުން ފެންނަނީ ސައިކަލުގެ ބައެއް ބައިތައް ބުރައިގެންގޮސްފައިވާ މަންޒަރެވެ. އެއީ މަޑިދަށް ބެލުމަށް ޓަކައި ބާރުގެ ބޭނުންކޮށްގެން ހުޅުވުމުން ބުރައިގެން ދިޔަ ބައިތެކެވެ.