ލަންކާ އެޓޭކް 2019

ބޮން ގޮއްވާލި ނުވަ މީހުން ތެރެއިން އެކަކީ އަންހެނެއް، މިހާތަނަށް 359 މަރު، 39 ބޭރުމީހުން

މިދިޔަ އާދީއްތަ ދުވަހު، ލަންކާގައި ޖާނުން ފިދާވެގެން ބޮމުގެ ހަމަލާތައް ދިން ނުވަ މީހުންގެ ތެރެއިން އެކަކީ އަންހެނެއް ކަމަށް ލަންކާ ސަރުކާރުން ބުނެފި އެވެ.

ލަންކާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު، ރުވާން ވިޖެވަރްދަނާ މީޑިއާއަށް މިއަދު ވިދާޅުވީ، މި ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 359އަށް އަރާފައިވާ ކަމަށާއި އޭގެ ތެރެއިން 39 މީހުންނަކީ ލަންކާއިން ބޭރު މީހުން ކަމަށެވެ.

ލަންކާގައި ބޮން ގޮއްވައިލުމުގެ އިތުރު ހަމާއެއް ދީފާނެ ކަމުގެ އިންޒާރު އިންޑިއާގެ އިންޓެލިޖެންސުން މިހާރު ވަނީ ދީފަ އެވެ. އިންޑިއާއިން ބުނެފައިވާ ގޮތުގައި ލަންކާގައި ހަމަލާދިން ކަމަށް ބުނާ ތައުހީދު ޖަމާއަތުގެ ލީޑަރު، ޒަހްރާން ހާޝިމް ވަނީ އާދީއްތަ ދުވަހު ޝަންގްރިއްލާ ހޮޓަލަށް ޖާނުން ފިދާވެގެން ދިން ހަމަލާގައި މަރުވެފަ އެވެ. ހަށިގަނޑުގައި ބޮން ހަރުކޮށްގެން ޝަންގްރިއްލާ ހޮޓަލަށް ހަމަލާ ދިނީ ޒަހްރާންކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިންޑިއާގެ ދުވަހު ނޫސް، ހިންދުސްތާން ޓައިމްގައި ބުނެފައިވާ ގޮތުގައި، ޒަހްރާން ހާޝިމްގެ ޅިޔަނު، ނައުފަރު މައުލްވީ، ޤަތަރުން ލަންކާއަށް ގޮސް، ތައުހީދު ޖަމާއަތާ މިހާރު ވަނީ ހަވާލުވެފައިވާ ކަމަށެވެ.

ލަންކާއަށް ހަމަލާދިނީ ލަންކާގެ ތައުހީދު ޖަމާއަތުން ކަމަށް އެގައުމުން ބުނެފައިވާ އިރު، އައިސިސް ޖަމާއަތުން ވަނީ މި ހަމަލާގެ ޒިންމާ އުފުލައިފަ އެވެ. އަދި ހަމަލާދިނުމުގައި ބައިވެރިވާ ލަންކާ ބައެއް މީހުން އެކަމަށް ތައްޔާރުވެ އެކުގައި ނަގާފައިވާ ވީޑިއޯއަކާއި ފޮޓޯ ވެސް ވަނީ އާންމުކޮށްފަ އެވެ.