ލަންކާގައި ބޮން ގޮއްވުމުގެ އިތުރު ހަމަލާއަށް ނެޝަނަލް ތައުހީދު ޖަމާއަތުން ދިނުމުގެ ފުރުސަތު ބޮޑު ކަމުގެ އިންޓެލިޖެންސް މައުލޫމާތު އިންޑިއާއިން ސްރީލަންކާއަށް ދީފި އެވެ.
އިންޑިއާގެ މަޝްހޫރު ނޫސް، ހިންދުސްތާން ޓައިމްސް ގައި ބުނެފައިވާ ގޮތުގައި، މިދިޔަ އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާގައި ވަނީ ތައުހީދު ޖަމާއަތުގެ ލަންކާ ފައުންޑާ، ޒަހްރާން ހާޝިމް މަރުވެފަ އެވެ. އޭނާ މަރުވެފައި ވަނީ ޝަންގްރިއްލާ ހޮޓަލަށް ޖާނުން ފިދާވެގެން ދިން ހަމަލާގައި ކަމަށް ވަނީ ބެލެވިފަ އެވެ.
ހިންދުސްތާން ޓައިމްގައި ބުނެފައިވާ ގޮތުގައި، ޒަހްރާން ހާޝިމްގެ ޅިޔަނު، ނައުފަރު މައުލްވީ، ޤަތަރުން ލަންކާއަށް ގޮސް، ތައުހީދު ޖަމާއަތާ ހަވާލުވެފައިވާ ކަމަށެވެ.
ހިންދާސްތާން ޓައިމްގައި ބުނެގފައިވާ ގޮތުގައި، ލަންކާއަށް އާދީއްތަ ދުވަހު ދިން ހަމަލާތަކުގެ އިންޓެލިޖެންސް މައުލޫމާތު އިންޑިއާއިން ވަނީ ތަކުރާރުކޮށް ލަންކާގެ އިންޓެލިޖެންސާ ހިއްސާކޮށްފަ އެވެ. ބޮން ގޮއްވާލި ހާދިސާގެ އިންޓެލިޖެންސް މައުލޫމާތު ސަލާމަތީ ބާރުތަކަށް ކުރީން ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމާ ގުޅޭ ގޮތުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށާއި އަންގަން ޖެހޭ ފަރާތްތަކަށް އަންގާފައި ވެސް ނުވާކަމަށް ލަންކާ ސަރުކާރުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.
"އެޓޭކްގެ ކުރީން އިންޑިއާއިން ވަނީ ތަފާތު ތިން ފަހަރެއްގެ މަތީން ލަންކާއަށް އެލާޓްކޮށްފަ. އެންމެ ފަހުގެ އެލާޓް ފޮނުވާފައި ވަނީ އާދީއްތަ ދުވަހު ބޮން ގޮއްވައިލުމުގެ ގަޑިއިރުތަކެއް ކުރިން." ހިންދުސްތާން ޓައިމްސްގައި ބުނެފައިވެ އެވެ.