ސްރީލަންކާގެ ސްކޫލުތައް މި މަހު 29އާ ހަމައަށް ބަންދުކުރަން އެ ގައުމުގެ އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެންމެ ފުރަތަމަ ނިންމީ ސްކޫލުތައް ދެދުވަހަށް ބަންދުކުރާށެވެ. އެހެން ނަމަވެސް އޭގެ ފަހުން ވެސް ލަންކާގެ މަސްރަހު މުޅީން ހަމަޔަކަށް އެޅިފައެއް ނުވެ އެވެ.
ފާއިތުވި ތިން ދުވަހު އެކި ވަގުތު ތަކުގައި ލަންކާގައި ކާފިއު ހިންގަމުން އަންނަ އިރު، ސްޓޭޓް އިމަޖެންސީ ވެސް ވަނީ އިއުލާނުކޮށްފަ އެވެ. ކާފިއު ހިންގަނީ ރޭގަނޑުގެ ވަގުތުތަކާ ދިމާކޮށެވެ.
ގޮވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެކި ކަހަލަ ތަކެތި ވަނީ އާދީއްތަ ދުވަހުގެ ހަމަލާތަކަށް ފަހު ވެސް ލަންކާގެ އެކި ސަރަހައްދުތަކުން ފެނިފަ އެވެ. އަދި އެފަދަ ތަކެތި ކޮލަމްބޯގެ އިތުރު ސަރަހައްދުތަކުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އަދި ގޮވާތަކެތި ހިފައިގެން ދަތުރު ކުރާ ވެހިކަލްތަކެއްގެ މައުލޫމާތު އިއްޔެ ލިބުމާ ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކޮށް ފުލުހުން ވަނީ އެންމެ މަތީ އެލާޓަށް ގެނެސްފަ އެވެ.