ލަންކާ އެޓޭކް 2019

ލަންކާގެ ބޮމުގެ ހަމަލާގައި ޖާނުން ފިދާވި ކަމަށް ބުނާ މީހުން ބައިއަތު ހިފާ ވީޑިއޯއެއް އައިއެސް އިން އާންމުކޮށްފި

ސްރީލަންކާގައި ދިން ބޮމުގެ ހަމަލާގައި ޖާނުން ފިދާވި ކަމަށް ބުނާ ހަތް މީހުން ބައިއަތު ހިފާ ވީޑިއޯއެއް އައިއެސް އިން އާންމުކޮށްފިއެވެ.

އައިއެސް އިން ވަނީ އެ ވީޑިއޯގެ އިތުރުން އެ ހަތް މީހުންގެ ފޮޓޯ އާއި އެމީހުންގެ ނަންތައް ވެސް މިއަދު އާންމުކޮށްފައެވެ.

އައިއެސް އިން ބުނީ އެ ހަމަލާގައި ބައިވެރިވި މީހުންނަކީ އަބޫ އުބޭދާ އާއި އަބޫ އަލް މުހުތާރާއި އަބޫ ޚަލީލާއި އަބޫ ހަމްޒާ އާއި އަބޫ އަލް ބަރާ އާއި އަބޫ މުހައްމަދު އަދި އަބޫ އަބްދުﷲ ކަމަށެވެ. އައިއެސް އިން ވަނީ އެމީހުން ހަމަލާ ދިން ތަންތަނުގެ މައުލޫމާތު ވެސް އާންމުކޮށްފައެވެ.

އައިއެސް އިން މި ހަމަލާ ތަކުގެ ޒިންމާ އުފުލި އިރު، ލަންކާގެ މާސް މީޑިއާ މިނިސްޓަރު، ރުވާން ވިޖޭވަރްދަނާ މިއަދު ވިދާޅުވީ މި ހަމަލާތައް ދީފައި ވަނީ، ލަންކާގެ މުސްލިމް ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތުން ކަމަށް މިހާތަނަށް ކުރި ތަހުގީގުތަކުން އެނގިފައިވާ ކަމަށެވެ.