ސްރީލަންކާގައި މިރޭ 09:00 އިން ފެށިގެން މިރޭ ފަތިހު 04:00 އަށްވެސް ކާފިއު އިއުލާނުކޮށްފި އެވެ.
ލަންކާގައި މިދިޔަ އާދީއްތަ ދުވަހު އަށް ސަރަހައްދެއްގައި ބޮން ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާގެ ޒިންމާ މިއަދު އައިއެސް ޖަމާއަތުން ވަނީ އުފުލައިފަ އެވެ.
އައިއެސްއިން މި ހަމަލާ ތަކުގެ ޒިންމާ އުފުލި އިރު، ލަންކާގެ މާސް މީޑިއާ މިނިސްޓަރު، ރުވާން ވިޖޭވަރްދަނާ މިއަދު ވިދާޅުވީ މި ހަމަލާތައް ދީފައި ވަނީ، ލަންކާގެ މުސްލިމް ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތުން ކަމަށް މިހާތަނަށް ކުރި ތަހުގީގުތަކުން އެނގިފައިވާ ކަމަށެވެ. އަދި ލަންކާގައި އެ ޖަމާއަތުގެ ހަރަކާތްތައް ހިންގުން މަނާކޮށް ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ލިސްޓު ކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.
މި ހާދިސާގައި މަރުވި މީހުންގެ އަދަދު 300 އަށްވުރެ މައްޗަށް އަރާފައިވާ އިރު، 500އެއްހާ މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ގޮވާ ޒާތުގެ އެއްޗެހި ލޮރީ އަދި ވޭން ފަދަ ވެހިކަލްތަކުގައި އުފުލާނެ ކަމުގެ މައުލޫމާތު ލަންކާގެ އިންޓެލިޖެންސަށް މިއަދު ލިބިފައިވާތީ، މަގުތައްމަތީގެ ސަލާމަތާއި ރައްކާތެރިކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އަދި ފުލުހުން ވަނީ އެލާޓަށް ގެނެސްފަ އެވެ.