މުހައްމަދު އަބްދުﷲ (މުހައްމާ)

ރައީސް ޔާމީން ވަރުގެ ކޮމެޑީ ފިލްމު ކުޅެން މޮޅު މީހަކު އަޅުގަނޑު ނުދެކެން: މުހައްމާ

މުހައްމަދު އައުޒަމް

4

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްވަރުގެ ކޮމެޑީ ފިލްމު ކުޅޭ ބޭފުޅަކު އޭނާ ނުދެކޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަދި ކޮމެޑީ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ.

ވީޓީވީގައި ރޭ ވާހަކަފުޅު ދައްކަވަމުން މުހައްމާ ވިދާޅުވީ އަނގޮޓިއަކާއި ގަލަމެއް މީހަކު ރާއްޖެ އެތެރެކުރުމަކީ ސުޕްރީމް ކޯޓަށް ވައްދަންޖެހޭ މައްސަލައެއް ނޫން ކަމަށެވެ. އަދި ޖިނާއީ ތަހުގީގެއް ކުރަންޖެހޭ ކަމެއްގައި 134،000 ވޯޓު ލިބިވަޑައިގެންނެވި ބޭފުޅެއްގެ މައްޗަށް ކުރި ހޯދުމަށްޓަކައި 96،000 ވޯޓު ލިބިވަޑައިގެންނެވި ރައީސް ޔާމީން ކޯޓަށް މައްސަލަ ހުށަހެޅުއްވުމަކީ ކޮމެޑީ ފިލްމެއްގެ ގޮތުގައި މުހައްމާ ސިފަކުރެއްވިއެވެ.

"ހަމަ ރައީސް ޔާމީންވަރުގެ ކޮމެޑީ ފިލްމުކުޅެން މޮޅު ބޭފުޅެއް އަޅުގަނޑު ހަމަނުދެކެން. އެމަނިކުފާނުލައިގެން އަޅުގަނޑަށް ވަންޏާ ހަމަ މިހާރު ކޮމެޑީ ފިލްމެއްވެސް އަޅުގަނޑު ޕްރޮޑިއުސްކުރާނަން،" މުހައްމާ ވިދާޅުވިއެވެ.

މުހައްމާ ވިދާޅުވީ ރައީސް ޔާމީން ވަރުގެ ޖޯކު ކަންތައްތައް ކުރައްވާ ބޭފުޅަކު ދެކެކެވެސް އޭނާ ނުދެކޭ ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއާ އެކު ރައީސް ޔާމީންގެ އަމަލުތައް އެހުރި ގޮތުގެމައްޗަށް ކޮމެޑީ ފިލްމެއް ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ މިހާރުވެސް އެމަނިކުފާނު މި އިންތިޚާބުން ބަލިވީމަ ވެސް މި ކުރައްވާ ކަންތައްތައް ފާހަގަކޮށްލީމަ ވިސްނާވަޑައިގަންނަވާ ކޮންމެ މީހަކުވެސް ގަބޫލުކުރާނެ، ވަރަށް ޖޯކު ކަންތައްތައް، ފިލްމެއް ކުޅެންޏާ ހައެއްކަ ކޮމެޑީ ސީރީސްއެއް މިހާރު ހަދަންޖެހޭ ސީދާ ރައީސް ޔާމީނަށް،" މުހައްމާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ވަކީލުން ދެއްކެވި ވާހަކަތަކުން އެނގިގެންދިޔައީ ވޯޓު އޮޅުވާލުމަށްޓަކައި ސީދާ އެމަނިކުފާނު ކޮށްފައި ހުރި ކަންތައްތައް ކަމަށް މުހައްމާ ވިދާޅުވިއެވެ. އޭނާ ސިފަކުރެއްވިގޮތުގައި އެއީ ރިޔާސީ އިންތިޚާބާ ގުޅުވައިގެން ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން ކުރިން ދެއްކި ވާހަކަތަކަށް އެމަނިކުފާނު އިއުތިރާފުވުމެވެ.

"އަޅުގަނޑުމެން ރައީސް ޔާމީންގެ ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަން މައްސަލަތަކާއި ހިންގާ ޖަރީމާތަކުގެ ވާހަކަ އާއި އިންތިޚާބަށް އެބޭފުޅުން ރާވަމުންދިޔަ މަކަރުވެރި ރޭވުންތަކުގެ ވާހަކަ. އަޅުގަނޑުމެން ދެއްކި އެ ވާހަކަތަކަށް ހަގީގަތުގައި ރައީސް ޔާމީން އަމިއްލަފުޅަށް އެ އިއުތިރާފުވީ. އެގޮތަށް އަޅުގަނޑަށް ހަމަ ސިފަކުރެވުނީ،" މުހައްމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނަށް ކިތަންމެ ވަފާތެރި ބޭފުޅުންތަކެއް ކަމުގައިވިޔަސް، "ނާއިންސާފުން މިވަރުގެ ޖޯކު ކަމަކަށް" އެބޭފުޅުން ވެސް ހުކުމް ނުކުރައްވާނެ ކަމަށެވެ.

"މިއޮތީ އެބޭފުޅުންނަށް ފެންނަން ބުއްދި ސަލާމަތުން ތިއްބެވި ފަނޑިޔާރު ބޭފުޅުން އެތާ އެ ތިއްބެވީ. އެބޭފުޅުންނަށް ކަނޑައެޅިގެން ވޯޓުގެ ނަތީޖާދިޔައީ މިހެންކަން އެބައެނގޭ. ބަޔަކު އަނގޮޓިއެއް ގެންގުޅުނޭ ކިޔާފަ، އަދި ގެނަޔަސް އެ ފާހަގަލީ ބަޔަކުވެސް އަނގޮޓި ބޭނުންކުރި ޓީމެއް އޮންނަންވާނެ،" މުހައްމާ ވިދާޅުވިއެވެ.

މުހައްމާ ވިދާޅުވީ ކޮންމެ ވޯޓު ފޮއްޓެއް ކައިރީ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި ތިބީ ރައީސް ޔާމީނަށް ތާއީދު ކުރާ ބަޔަކު ކަމަށާއި އެބުނާ އަނގޮޓިއެއް ބޭނުންކުރިނަމަ ބޭނުންކުރާނީވެސް އެމީހުން ކަމަށެވެ. އަދި ވޯޓުގެ ނަތީޖާއަށް ބަދަލު އަންނަވަރުގެ އެއްވެސް ކަމެއް ރައީސް ޔާމީންގެ ވަކީލުންނަށް ހުށަނޭޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟