ލީގަށް ވާދަކުރުމަށް އާސެނަލަށް އިތުރު ކުޅުންތެރިން ގެންނަން ޖެހޭ ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.
އާސެނަލަށް ނިމިދިޔަ ސީޒަނުގައި ލީގު ގެއްލުނީ ފަހު ދުވަސްކޮޅުގައެވެ. ސީޒަނުގެ ބޮޑުބައެއްގައި އާސެނަލް ލީގުގެ އެއްވަނައިގައި އޮތް ނަމަވެސް، މެންޗެސްޓާ ސިޓީން ފަހުވަގުތު ވަނީ ފޯމު ރަނގަޅުކޮށް ތަށި ހޯދައިފައެވެ. ސިޓީން މިދިޔަ ސީޒަން ނިންމާލީ ޓްރެބަލް ހޯދައިގެންނެވެ. އެއީ އެފްއޭ ކަޕާއި ޕްރިމިއާ ލީގުގެ އިތުރުން ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްގެންނެވެ.
"އަންނަ ސީޒަން ވާނީ ޕްރިމިއާ ލީގުގެ ތާރީހުގައިވެސް އެންމެ ޓަފް ސީޒަނަށް. އެއީ ކީއްވެކަން އެނގޭތަ. އެއީ މިދިޔަ ސީޒަނަކީވެސް ހަމަ އެއީ. މިދިޔަ ސީޒަނަކީ ތާރީހުގައިވެސް އެންމެ ވާދަވެރި ސީޒަން. އަހަރެން އިނގިރޭސިވިލާތުގައި މިހާރު 22 އަހަރު ދުވަސް ހޭދަކޮށްފިން، އަހަންނަށް އަދި ނުފެނޭ މިހާ ވާދަވެރި، ކޮލިޓީ ރަނގަޅު، އަދި އޯގަނައިޒް ލީގެއް. މިއީ އެންމެ ވަސީލަތްތައްވެސް ރަނގަޅު އެންމެ ވަރުގަދަ ކޯޗުންވެސް ތިބި ލީގު،" އާޓެޓާ ބުންޏެވެ.
އާޓެޓާ ބުނީ ޕްރިމިއާ ލީގު ހޯދަން އެންމެ ފުރިހަމަ ޓީމަކަށް ޓީމު ވާން ޖެހޭ ކަމަށާއި، ދިހަ މަހަށްފަހު ލީގު ގެއްލުނު ސަބަބަކީ ކުޅުންތެރިންނަށް އަނިޔާވެ ސްކޮޑުގެ ފެންވަރު ދަށްވުމުން ކަމަށެވެ.
"ޕްރިމިއާ ލީގު ހޯދަން ޖެހޭނެ އެންމެ ފުރިހަމަ ޓީމަށް ވާން. އަހަރެމެން ޖެހޭ ޓީމު ވަރުގަދަ ކުރަން. މިއަދާ ހަމައަށްވެސް އަހަންނަށް ހިތާމަކުރެވޭ ދިހަ މަސް ދުވަހު ލީގުގެ އެއްވަނައިގައި އޮތުމަށްފަހު ލީގު ގެއްލުމުން،" އާޓެޓާ ބުންޏެވެ.
އާސެނަލުން ވަރުގަދައަށް ލީގަށް ވާދަކުރަމުން ގޮސް، އެޓީމަށް ލީގު ގެއްލުނީ މުހިންމު ކުޅުންތެރިން ކަމަށްވާ ވިލިއަމް ސަލީބާ ކަހަލަ ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތަކާ ކުރިމަތިވެގެންނެވެ.
އާޓެޓާ ބުނީ އާސެނަލަށް ހަތަރު ވަރަކަށް ކުޅުންތެރިންގެ އަނިޔާގެ މައްސަލަތަކާ ކުރިމަތިވި ކަމަށާއި، ސިޓީއާ ވާދަކުރަން ޓްރާންސްފާ މާކެޓްގައި ހަރަކާތްތެރިވާން ޖެހޭ ކަމަށެވެ. އަދި ސިޓީއަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު ކަމަށާއި، އެކަން ގަބޫލުކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
އާސެނަލުން ޓްރާންސްފާ މާކެޓްގައި ހަރަކާތްތެރިވަމުންދާ އިރު، އެޓީމުން މިހާރު ވަނީ ޗެލްސީގެ ކައި ހަވާޓްސް ގެންދަން އެއްބަސްވުމަކަށް ގޮސްފައެވެ. އޭގެ އިތުރުން ޑެކްލަން ރައިސް ހޯދަންވެސް އާސެނަލުން ދަނީ މަސައްކަތް ކުރަމުންނެވެ.