ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި ބިދޭސީއަކު މަރުވި މައްސަލައާ ގުޅިގެން، އެ އިމާރާތް ހަދަމުން ދިޔަ ކޮންސްޓްރަކްޝަން ކުންފުނި 500،000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނިގޮތުގައި ޖޫރިމަނާކޮށްފައިވަނީ ހުޅުމާލޭ ލޮޓް ނަމްބަރު 10799 ގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އައި އައިއެންއެންއެފް ކޮންސްޓްރަކްޝަނެވެ. އެ ފައިސާ އެއްމަސްދުވަހުގެ ތެރޭގައި ދައްކަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ރޭ އެ ހާދިސާ ހިނގާފައިވަނީ ދެ އިމާރާތް ދޭތެރޭގައި އެ ބިދޭސީ މީހާ މަސައްކަތް ކުރަނިކޮށް، މަތީ ބުރިއަކުން ގަލެއް ވެއްޓި އޭނާގެ މޭގައި ޖެހުމުންނެވެ.
އެހާދިސާގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ 44 އަހަރުގެ ފިރިހެނެކެވެ. އެރޭ އަށެއްޖެހި އިރު އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުވެސް ވަނީ މާލޭގައި މަސައްކަތްކުރަމުންދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ބަންގްލަދޭޝްގެ 8 އަހަރުގެ ކުއްޖަކު މަރުވެފައެވެ. އެމައްސަލައިގައި ހަ މީހެއްގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފައެވެ.