ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ "ދަ ގާޑަންސް" ޕްރޮޖެކްޓް ނުނިންމުމުން އެ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކޮށްފިއެވެ.
ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ރިއަލް އެސްޓޭޓް ކުންފުނި، ޖާހު އިންވެސްޓްމަންޓުން "ދަ ގާޑަންސް" ތަރައްގީކުރަން ފެށީ 2017 ވަނަ އަހަރެވެ. އެ ޕްރޮޖެކްޓް ނިންމުމަށް އެ ކުންފުންޏަށް ދިނީ ދެ އަހަރެވެ.
ނަމަވެސް ދިން މުއްދަތުގައި ޕްރޮޖެކްޓް ނުނިމޭތީ, އެ ޕްރޮޖެކްޓް ނިންމުމަށްޓަކައި އެކި ފަހަރު މަތިން އެ ކުންފުންޏަށް އެޗްޑީސީން މުއްދަތު އިތުރުކޮށްދިން ނަމަވެސް އެ ޕްރޮޖެކްޓް ނިންމާފައެއް ނުވެ އެވެ.
އެހެންވެ އެޗްޑީސީ އާއި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ގާނޫނީ ނޯޓިސް ދިނުމަށް ބޯޑުން ނިންމައި، އެ ނޯޓިސް 27 ޖަނަވަރީ 2025 ގައި ޖާހު އިންވެސްޓްމަންޓަށް ފޮނުވި އެވެ.
އެ ނޯޓިސްގައި ޖާހު އިންވެސްޓްމަންޓަށް އަންގާފައި އޮތީ 45 ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓް ނިންމުމަށެވެ. ނޫން ނަމަ އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް އެ ކުންފުނީގެ އަތުން ނަގާނެ ކަމަށް ނޯޓިސްގައި ބުނެފައިވެ އެވެ.
އެޗްޑީސީން މިއަދު ބުނީ, އެ މުއްދަތުގެ ތެރޭގައި ޖާހު އިންވެސްޓްމަންޓުން އެ ޕްރޮޖެކްޓުގެ މަސައްކަތް ނިންމާފައި ނުވާތީ އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށް، ތަން ހަވާލުކުރުމަށް މިއަދު އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.
އަދި އެއްބަސްވުން ބާތިލުކުރުމަށްފަހު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު އެ ޕްރޮޖެކްޓުން އެޕާޓްމަންޓް ގަނެފައިވާ މީހުންނާ ހިއްސާކުރާނެ ކަމަށްވެސް ބުންޏެވެ.
އެޗްޑީސީން ބުނީ, އެ ކުންފުނިން އެ ފިޔަވަޅު އެޅީ ޖާހު އިންވެސްޓްމަންޓުން ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށެވެ.