ޚަބަރު

ސްޓެލްކޯއިން ނުވަ ދުވަސްތެރޭ މަސައްކަތް ނިންމައި، ހުޅުމާލޭގައި އިތުރު އިންޖީނުގެއެއް ހުޅުވައިފި

ފާތިމަތު ލިޔުޝާ

ސްޓެލްކޯއިން ނުވަ ދުވަސްތެރޭ މަސައްކަތް ނިންމައި، މިއަހަރުގެ ޕީކް ހޭންޑްލިންއަށާއި ގްރޭޓާ މާލޭ ޕަވާ ބެކަޕްގެ ގޮތުގައި ހުޅުމާލޭގައި އިތުރު އިންޖީނުގެއެއް ހުޅުވައިފިއެވެ.

"ހުޅުމާލެ އިންޖީނުގެ އެނެކްސް 2" ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އިންޖީނުގެ ރަސްމީކޮށް ހުޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު މުޒްނާއެވެ.

އެ އިންޖީނުގޭގައި މިހާރު އިންސްޓޯލްކޮށް ނިމިފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން ޖަނަރޭޓަރެއް ފަހުމީ ވަނީ ސްޓާޓްކޮށްދެއްވައިފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ހިދުމަތްދިނުމުގެ މަތިވެރި ރޫހާއެކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން މި ނިންމާލީ ގައުމީ ބޮޑު މަސައްކަތެއް ކަމަށެވެ.

"އެގޮތުން 48،000 އަކަފޫޓޫގެ ބިމެއް ސާފުކޮށް 200 އެއްހާ ޓަނުގެ ކުނި އެތަނުން ނަގައި، އެ ބިން އެއްވަރު ކުރުމާއި، ހުޅުމާލޭގެ އެނެކްސް 1 އިންޖީނުގެ (ބައު އިންޖީނުގެ) އިން ކާނުތަކެއް އެ ބިމާ ހަމައަށް ތައްޔާރުކޮށް، އެ ކާނުތައް މެދުވެރިކޮށް ފިއުލް ލައިން އެޅުމާއި ހުޅުމާލޭ މައި އިންޖީނުގެއާ ހަމައަށް މި އިންޖީނުތަކުގެ ކޭބަލްތައް ގެންގޮސް ގްރިޑާއި ގުޅާލުމުގެ ބުރަ މަސައްކަތަށް ހޭދަވީ ނުވަ ވަރަކަށް ދުވަސް،" ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ބުނީ އެ އިންޖީނުގޭގައި 1.6 މެގަވޮޓްގެ ޖުމުލަ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށާއި އެތަނުން މިވަގުތު ހަތް ޖަނަރޭޓަރުސެޓް ކޮމިޝަން ކޮށްފައިވާ ކަމަށެވެ.

އަދި އިތުރު ފަސް ޖަނަރޭޓަރު ސެޓް ގެނެސް މި ރޯދަމަސް ނިމުމުގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށާއި އެއާއެކު "ހުޅުމާލެ އިންޖީނުގެ އެނެކްސް 2" ގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ފަހުމީ ވިދާޅުވީ އެ މަސައްކަތް ފެށި ހިސާބުން އިންޖީނުތައް ގެނައުމާއި، އެ ހުރިހާ މަސައްކަތެއް ކުރިއަށްދިޔަ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބެއްލެވި ކަމަށާއި އެ މަސައްކަތުގައި ދިމާވެދާނެ ހުރަސްތައް ބައްލަވައި އެ ހުރަސްތައް ނައްތާލުމަށް ކުރެވިދާނެ ކަންކަމާ މެދު ލަފަޔާއި އިރުޝާދު ދެއްވަމުންގެންދެވުމުގެ އިތުރުން އިންޖީނުގޭގެ ބިން ހޯދުމަށް ބޭއްވި ބައެއް ބައްދަލުވުންތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި އެ ހުރިހާ ކަމަކަށްޓަކައި އެ މަނިކުފާނަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ރައްޔިތުންނަށް އަބަދުވެސް ދޭން ބޭނުންވާ ޔަގީންކަމަކީ އެ ކުންފުނި އޮންނާނީ ދުރާލައި ތައްޔާރަށް ކަމަށާއި އެގޮތުން މި ޕީކް ސީޒަންގައި ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވީ ސްޓެލްކޯއިން ފޯރުކޮށްދޭ އެ ހިދުމަތަކީ ޓެކްނިކަލް ހިދުމަތަކަށްވުމުން، އިންޖީނަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެންނަމަވެސް އެފަދަ ހާލަތެއްގައިވެސް، ވީއެންމެ އަވަހަކަށް އަލުން ހިދުމަތްދޭން އެ ކުންފުނީގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް ކަމަށެެވެ.